އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ފުވައްމުލަކު ސިޓީގެ އެސްޓީއޯ މުވައްޒަފުންނަށް ފަޔަރ އެވެއަރނެސް ކުލާހެއް ހިންގައިފިއެވެ.
މި ކުލާސް ބޭއްވުނީ މިމަހު 11 ވަނަ ދުވަހުއެވެ.
ދިފާއީ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ކުލާހުގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތު ހިއްސާކުރެވުނެވެ. މީގެ އިތުރުން، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުންކުރާނެ ގޮތުގެ މުހިންމު މަޢުލޫމާތުތައްވެސް ބައިވެރިންނާ ހިއްސާކުރެވުނެވެ.
ކުލާހުގެ ބައިވެރިންނަށް ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދެވުނެވެ. އަދި އަލިފާން ނިއްވުމުގެ އަސާސީ ހުނަރުތައް އުނގަންނައިދެވުނެވެ. މި ކުލާހުގައި އެސްޓީއޯގެ 25 މުވައްޒަފުން ބައިވެރިވިއެވެ.
ކުލާސް ކުރިއަށް ގެންދިޔައީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންނެވެ. މި ފަދަ ކުލާސްތައް ބޭއްވުމުގެ މަޤްޞަދަކީ އާންމު ރައްޔިތުންގެ މެދުގައި އަލިފާނުގެ ހާދިސާތަކާ ގުޅޭ ހޭލުންތެރިކަން އިތުރުކޮށް، އެފަދަ ހާދިސާތަކުގައި ޢަމަލުކުރާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.