ރާއްޖޭގައި ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަން ޙައްލުކުރުމަށް އަމާޒުކޮށް، ފަރުތުވެރިކަމުގެ ފެސިލިޓީތަކުން ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ބިލު ފާސްކުރެވުނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 56 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައްޔާރުކޮށް، އިންގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މަޖިލީހަށް ހުށަހެޅުއްވި މި ބިލު، މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށްފަހު ބައެއް އިސްލާޙުތަކާއެކު މިއަދު ފާސްކޮށްފައިވެއެވެ.

މި ބިލުގެ ދަށުން، ޓޫރިސްޓް ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ މަހެއްގެ މައްޗަށް ލިބޭ ބޭރު ފައިސާގެ 20 އިންސައްތަ ބޭންކިންގ ނިޒާމުގެ ތެރެއިން މާރުކުރަންޖެހޭނެއެވެ. އަދި ގެސްޓްހައުސްތަކާއި ސަފާރީ އުޅަނދުތަކުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ މަހެއްގެ މައްޗަށް ލިބޭ ބޭރު ފައިސާގެ 20 އިންސައްތަ މާރުކުރަންޖެހޭނެއެވެ.

ބިލުގައި ހިމެނޭ މުހިންމު އިސްލާޙުތަކުގެ ތެރޭގައި، މި ގަވާއިދުން އިސްތިސްނާވާ ކުޑަކުދިންގެ އުމުރު 10 އަހަރުން 12 އަހަރަށް އިތުރުކުރުމާއި، މާލީ ދަތިކަން ދިމާވެފައިވާ ރިސޯޓުތަކަށް މާރުކުރަންޖެހޭ ބޭރު ފައިސާގެ އިންސައްތަ މަރުކަޒީ ބޭންކުގެ ހުއްދައާއެކު ދަށްކުރެވޭނެ ގޮތް ހިމެނެއެވެ.

މި ބިލު ފާސްކުރެވިފައިމިވަނީ ރާއްޖޭގެ އިޤްތިޞާދަށް އަސަރުކޮށްފައިވާ ބޭރު ފައިސާގެ ދަތިކަމަށް ޙައްލެއް ހޯދުމަށް މަޖިލިސް މެންބަރުން ގޮވާލަމުންދާ ދަނޑިވަޅެއްގައިއެވެ.