ސިއްޙީ ވުޒާރާއިން ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް އަމާޒުކޮށްގެން ކޮޑެކްސް އަދި ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރިކުރުމަށް "އެޑްވޮކަސީ އިވެންޓް އޮން ކޮޑެކްސް ފޮރ ޕޮލިސީ މޭކާރސް" ގެ ނަމުގައި ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ކޮޑެކްސް އެލިމެންޓޭރިއަސް ކޮމިޝަންގެ މަސައްކަތްތަކާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް އަހުލުވެރިކުރުވުމެވެ. އަދި ދިވެހިރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމުގެ މަގު ތަނަވަސްކުރުމެވެ.

ކޮޑެކްސް އެލިމެންޓޭރިއަސް ކޮމިޝަނަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އާއި ދުނިޔޭގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ ޖަމްޢިއްޔާ ގުޅިގެން އުފައްދާފައިވާ ބައިނަލްއަޤްވާމީ ކޮމިޝަނެކެވެ. މި ކޮމިޝަންގެ މައިގަނޑު މަސައްކަތަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައެޅުމެވެ.

ދިވެހިރާއްޖެއަކީ މި ކޮމިޝަންގެ މެންބަރު ޤައުމެކެވެ. އެހެންކަމުން، ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ދިވެހިރާއްޖެ ދަނީ ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި 'ކޮޑެކްސް ޓްރަސްޓް ފަންޑް'ގެ އެހީގައި ދިވެހިރާއްޖޭގައި ކޮޑެކްސްގެ މަސައްކަތްތައް ހަރުދަނާކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާފައިވެއެވެ. މި ބައްދަލުވުމަކީވެސް މި މަސައްކަތުގެ ތެރެއިން ހިންގާ އެއް ހަރަކާތެވެ.