ރޭ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖާ ގުޅިގެން ހައްޔަރުކުރި ތިން ޑްރައިވަރުންގެ ވަނަވަރު ހާމަކޮށްފިއެވެ.

އެގޮތުން ހައްޔަރު ކޮށްފައި ވަނީ، އުމުރުން 39 އަހަރުގެ މުހައްމަދު ޝާމިން، މއ، ވިރާހު އާއި އުމުރުން 33 އަހަރުގެ އަހްމަދު ޝަބީން، ސަންރޭ، ލ. ދަނބިދޫ އަދު އުމުރުން 36 އަހަރުގެ ނުއުމާން އަހްމަދު، ހޮލިޑޭވިލެޖް، ހދ. ކުުންދޫއެވެ.

ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރުކުރެވުނީ އިހުތިޖާޖުގެ ތެރެއިން ޓެކްސީތަކުން މަގު ބަންދުކޮށް، އާންމު ދަތުރުފަތުރަށް ހުރަސްއެޅުމުންކަމަށެވެ.

އަދި ކޯޓަށް ހާޒިރުކުރުމުން ޝާމިން އަދި ޝަބީންގެ ބަންދުގެ މުއްދަތުގެ ގޮތުގައި ފަސް ދުވަސް ދިނުމަށް ނިންމާފައިވާއިރު، ނުއުމާން ވަނީ ވަކި ޝަރުތުތަކަކާއެކު ދޫކޮށްލައިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެއިތުރަށް ފުލުހުން ބުނީ، ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި އިހްތިޖާޖުގެ ތެރެއިން އާންމު ދަތުރުފަތުރަށް ހުރަސް އަލައި ހުޅުމާލޭގެ މަގުތައް ބަނދުކުރި މައްސަލައިގައި 22 އުޅަނދުވެސް ޓޯ ކޮށްފައިވާ ކަމަށެވެ.

ޓެކްސީ ޑްރައިވަރުން މި އިހުތިޖާޖު ކުރިއަށް ގެންދިޔައީ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވާ، އެ ފަރާތްތަކާ ބައްދަލުކޮށް، ޓެކްސީ ޑްރައިވަރުންގެ މަސައްކަތަށް ދަތިނުވާނެ ގޮތަށް ސިޔާސަތުތައް އެކަށައެޅުމަށް ގޮވާލުމަށެވެ.