ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖާ ގުޅިގެން އިތުރު ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވަނީ އެ މީހާގެ ވަނަވަރާއެކު މީޑިއާތަކަށް މެސެޖެއް ކޮށްފައެވެ.

އެ މެސެޖުގައި ފުލުހުން ބުނީ މއ. ނަހީދީ މަންޒިކް، މިސްބާހް ޝަރީފް 31 ކަމަށެވެ.

އަދި މިސްބާހް ހައްޔަރު ކުރީ ޑިސެމްބަރު 11 ވަނަ ދުވަހު ބައެއް ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ މުޒާހަރާ އާ ގުޅިގެން އާންމު ދަތުރުފަތުރަށް ހުރަސް އަޅައި މަގު ބްލޮކްކޮށް ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި މައްސަލައާ ގުޅިގެން ކަމަށްވެެސް ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ.

އަދި ފުލުހުން ބުނީ މިސްބާހް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.