ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ އިރުތިޝާމް އާދަމް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސިވިލާތުގެ ރަސްގެފާނު ހިޒް މެޖަސްޓީ ކިންގް ޗާލްސް III ވަނަ އަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވުނީ ބަކިންގހަމް ޕެލަސްގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި، ކިންގް ޗާލްސް ސަފީރު ޑޮކްޓަރ އިރުތިޝާމް އާދަމަށް މަރުހަބާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަމުގައި ރަސްގެފާނު ވިދާޅުވިއެވެ.
ސަފީރު ޑޮކްޓަރ އިރުތިޝާމް އާދަމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އިނގިރޭސިވިލާތުގެ ރަސްގެފާނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައި، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރަސްގެފާނަށް އެރުވިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ސެއިންޓް ޖޭމްސް ކޯޓް ލަންޑަން - އަ ތާޖް ހޮޓެލްގައި ޚާއްސަ ރިސެޕްޝަނެއް ބޭއްވުނެވެ. މި ރިސެޕްޝަނުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އާއި ސާކް އަދި ކޮމަންވެލްތު ޤައުމުތަކުގެ ސަފީރުންނާއި، އެހެނިހެން މުހިންމު ޝަޚްޞިއްޔަތުތައް ބައިވެރިވެވަޑައިގެންނެވިއެވެ.
ސަފީރު ޑޮކްޓަރ އިރުތިޝާމް އާދަމްގެ އަރިހުގައި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރުގެ ނައިބު އަޙްމަދު މުޙައްމަދު، ޑިފެންސް އެޓާޝޭ ކާނަލް ހުސެއިން ފައިރޫޝް، ފަސްޓް ސެކްރެޓަރީ މަރިޔަމް އާސިފް އަދި ތާރޑް ސެކްރެޓަރީ އާމިނަތު ސަމްރާ ބައިވެރިވެވަޑައިގެންނެވިއެވެ.