ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޗައިނާގެ ރައީސް އެކްސަލަންސީ ޝީ ޖިންޕިންގ އަށް އަރުވައިފިއެވެ.
މި ރަސްމިއްޔާތު ބޭއްވުނީ ބެއިޖިންގގައި ހުންނަ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ފަތްކޮޅު އެރުވުމަށްފަހު، ސަފީރު ފަޒީލް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ލޮބުވެތި ދިވެހި ރައްޔިތުންގެ ފަރާތްޕުޅުން ރައީސް ޝީ އަށާއި ޗައިނާގެ ރަހުމަތްތެރި ރައްޔިތުންނަށް އެންމެހެޔޮ އެދުންތަކާއި ވެދުމާއި ސަލާން އަރިސްކުރައްވާފައެވެ.
ސަފީރު ޑރ. ފަޒީލް ނަޖީބް މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސް ޝީ ޖިންޕިންގ ވަނީ އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވިއެވެ.
މި މުހިންމު ރަސްމިއްޔާތުގައި ސަފީރުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން އާމިނަތު ފަރީޝާ ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖެއާއި ޗައިނާ ސިޔާސީ ގުޅުން ގާއިމުކުރީ 14 އޮކްޓޫބަރު 1972 ގައިއެވެ. އެމްބެސެޑަރު ފަޒީލްއަކީ ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައެޅި ފަސްވަނަ ސަފީރުކަމެވެ.