ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް، އޮމާނުގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައިދީގެ ދަޢުވަތަކަށް އޮމާންއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައި މާލެ ވަޑައިގެންފިއެވެ.
މި ރަސްމީ ދަތުރުފުޅުގައި، ވަޒީރު ޑރ. ޚަލީލް ވަނީ ސައްޔިދު އަސްޢަދު ބިން ޠާރިޤު އާލް ސަޢީދު، ބައިނަލްއަޤްވާމީ ގުޅުންތަކާއި އެއްބާރުލުމުގެ ކަންކަމާ ހަވާލުވެ ހުންނަވާ ޑެޕިއުޓީ ބޮޑުވަޒީރު އަދި އޮމާންގެ ސުލްޠާނުގެ ޚާއްޞަ މަންދޫބުއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އޮމާނުގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައިދީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ވަޒީރު ޑރ. ޚަލީލް ވަނީ ޚާރިޖީ ވަޒީރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައިދީއާއެކު ބިނާކުރަނިވި މަޝްވަރާއެއް ކުރައްވާފައެވެ. މި މަޝްވަރާގައި ދެ ވަޒީރުން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ދުވަސްވީ ގުޅުންތައް މުރާޖަޢާކުރައްވައި، ތަޢުލީމު، ވިޔަފާރި، ފަތުރުވެރިކަން އަދި އިންވެސްޓްމަންޓް ކުރިއެރުވުން ފަދަ އެކި ދާއިރާތަކުގައި ދެފަރާތުގެ އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، ވަޒީރު ޑރ. ޚަލީލް ވަނީ ސުލްޠާން ބިން ސާލިމް ބިން ސަޢީދު އަލްހަބްސީ، މާލީ ވަޒީރު އަދި އަލްއަޢުލާ ޤައިސް ބިން މުޙައްމަދު އަލްޔޫސުފް، ވިޔަފާރި، ޞިނާޢަތް އަދި އިންވެސްޓްމަންޓް ކުރިއެރުވުމުގެ ވަޒީރާ އަދި އޮމާނު ސަރުކާރުގެ އެހެނިހެން އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، ދެފަރާތަށް މުހިންމު އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ދަތުރުފުޅުގައި، ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ވަނީ ދިވެހިރާއްޖެއާއި އޮމާނާ ދެމެދު ދެ މުހިންމު އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އެއީ ދެ ޤައުމުގެ ޚާރިޖީ ވުޒާރާތަކުން އިސްނަގައިގެން ގަވާއިދުން މަޝްވަރާކުރުމުގެ އޮނިގަނޑެއް ޤާއިމުކުރުމަށް ވެވޭ ސިޔާސީ މަޝްވަރާތަކާ ބެހޭ އެއްބަސްވުމާއި، ދެ ޤައުމުގެ ގުޅުން ވަރުގަދަކަން ދައްކުވައިދޭ ގޮތުން ރަސްމީ ދަތުރުތައް ފަސޭހަކުރުމަށްޓަކައި ޑިޕްލޮމެޓިކް، ޚާއްޞަ، ސަރވިސް އަދި އޮފިޝަލް ޕާސްޕޯޓު ހޯލްޑަރުންނަށް ވިސާ އިސްތިސްނާކުރުމުގެ އެއްބަސްވުމެވެ.
ވަޒީރު ޑރ. ޚަލީލްގެ މި ދަތުރުފުޅުގައި ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ ބައިލެޓަރަލް ޑރ. ހަލާ ޙަމީދު، ސީނިއަރ އަންޑަރ ސެކްރެޓަރީ ފާޠިމަތު ނަޢީމާ އަދި އެސިސްޓަންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާޢު ބައިވެރިވެ ވަޑައިގެންނެވިއެވެ.