ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ނަތީޖާއަކަށްވާނީ ދިވެހިރާއްޖޭގެ މުޖުތަމައުއަކީ ދުޅަހެޔޮ މުޖުތަމައުއެއްގެ ގޮތުގައި އޮތުމަށް މަގުފަހިވުން ކަމަށް ޞިއްޙަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ނާޒިމް ވިދާޅުވީ، ވޭޕް މަނާ ކުރުމާއި ދުންފަތާ ދުރުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ ރައްޔިތުން ބޭނުންވެގެން އަޅާ ފިޔަވަޅުތަކެއް ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ ގެއްލުމަކީ ދުނިޔޭގެ ހުރިހާ ގައުމަކުން އެއްކަމަކަށް އެއްބަސްވާނަމަ އެއްބަސްވާނެ އެއްކަންތައް ކަމުގައިވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވާޒީރު ނާޒިމް އިތުރަށް ވިދާޅުވީ، ދުންފަތާ ދުރުވުމަށް އެހީވުމަށް "ޓޮބޭކޯ ސެސޭޝަން ކްލިނިކް" މުޅި ރާއްޖޭގައި ހިންގުމަކީ ކުޑަކަމެއް ނޫން ކަމަށާއި، އެހެންނަމަވެސް އެއިން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރައިމަރީ ހެލްތު ކެއަރ ނިޒާމު ވަރުގަދަކޮށް، އެ ނިޒާމަށް މީހުން ހޭލުންތެރިކުރުމަށް ފަށާ މަސައްކަތަކީ ދުޅަހެޔޮ މުޖުތަމައުއެއް އޮތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުގެ ވަރަށް މުހިންމު ބައެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ގިނަ ޑޮކްޓަރުން ތިބުމަކީ ޞިއްޙީ ނިޒާމުގެ މުޅި ޙައްލު ނޫނެވެ. އަދި މިހާރުގެ ޞިއްޙީ ނިޒާމު ބައްޓަން ކުރެވިފައި ހުރީ ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ދޭ ސަމާލުކަން އިތުރުކޮށް، ހަމައެއާއެކު ބޭސްފަރުވާ ކުރަން ޖެހޭ ޙާލަތުގައި ފަސޭހައިން ބޭސްފަރުވާ ކުރެވޭނެ ނިޒާމު ތަންފީޒު ކުރުމަށް ކަމަށެވެ.
މި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ އާސަންދަ ނިޒާމު ހަރުދަނާކޮށް، އެ ނިޒާމުން އެންމެ ރަނގަޅު ފައިދާ ދިވެހި ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މިހާރުވެސް އާސަންދަ ނިޒާމުގެ ތެރެއިން ލިބެމުންދާ އެއްވެސް ޚިދުމަތެއް އެއްވެސް ރައްޔިތަކަށް އުނިވެގެންނުދާނެކަމުގެ ޔަޤީންކަންވެސް ވަޒީރު ނާޒިމް ދެއްވިއެވެ.