2024 ޑިސެންބަރު 12 ވީ ބުރާސްފަތި ދުވަހު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ތިން މިނިސްޓްރީގެ ޚިދުމަތްތައް މާދަމާއިން ފެށިގެން ދަރުބާރުގޭގައި ލިބެން ފަށާނެ ކަމަށް ސަރުކާރުން މިއަދު އިއުލާނުކޮށްފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވި ގޮތުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ހައުސިންގ، އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ މައިގަނޑު ޚިދުމަތްތައް ދަރުބާރުގޭގެ ތިން ހޯލުގައި ދެވޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ.

"24 ގަޑިއިރު މަސައްކަތްތަކެއް ކުރަމުން މި ގެންދަނީ. މިހާތަނަށް އައިއިރު، އަޅުގަނޑުމެންނަށް ޔަގީން މާދަމާ އޮފީސް ހުޅުވާއިރު އަޅުގަނޑުމެންނަށް ތިން މިނިސްޓްރީން ވެސް ދެމުންދާ ޚިދުމަތްތައް އާންމު ހާލަތުގައި ދޭން ފެށޭނެ،" މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.

ދަރުބާރުގޭގައި ހަދާ ވަގުތީ އޮފީސްތަކުގައި ބޭނުންކުރަނީ ޗައިނާ ސަރުކާރުން ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފައި ހުރި ކޮމްޕިއުޓަރު ސިސްޓަމްތަކާއި، މާލެއިން ލިބެންހުރި އިތުރު ކޮމްޕިއުޓަރު ސިސްޓަމްތަކެވެ. މިނިސްޓަރު މުއްތަލިބް ވިދާޅުވި ގޮތުގައި، ކަރަންޓު ކޭބަލް އެޅުމާއި، ނެޓްވޯކް އެޅުމާއި، އިންޓަނެޓް އަދި ފޯން ނެޓްވޯކް ޤާއިމުކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.

ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަންގެ އޮފީސް ވަނީ ހުޅުމާލެއަށް ބަދަލުކޮށްފައެވެ.

މިނިސްޓްރީތަކުގެ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު މުއްތަލިބް ޔަގީންކަން ދެއްވާފައިވެއެވެ. ނަމަވެސް، ޖާގައިގެ ދަތިކަމާ ހެދި ބައެއް މުވައްޒަފުން އެހެން ތަންތަނުގައި އަދި ގޭގައި ވެސް މަސައްކަތްކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 6:30 އެހާކަށްހާއިރު ހައުސިންގ މިނިސްޓްރީގައި ފެށުނު އަލިފާނުގެ ހާދިސާ އަވަހަށް ފެތުރި، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަންމަންޓް މިނިސްޓްރީއަށް ވެސް ހުޅުގަނޑު އެޅިއެވެ. ގާތްގަނޑަކަށް ހަތަރު ގަޑިއިރުގެ މަސައްކަތަކަށްފަހު އަލިފާން ނިއްވާލެވުނު އިރު، އެ ސަރަހައްދުގައި ހުރި އެއްވެސް އިމާރާތެއް އިތުރަށް ބޭނުންކުރެވޭ ވަރުގައި ނެތެވެ.