ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، "ހުރާ އެކުވެރި ހިޔާ" ހުޅުއްވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހުރާއަށް ވަޑައިގަތުމުން ރަށު ރައްޔިތުން އެ ކަމަނާއަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ.

"ހުރާ އެކުވެރި ހިޔާ" އަކީ ރަށު ރައްޔިތުން އެއްތަންވެ އެކުވެރިކަން އާލާކުރުމުގެ ބޭނުމުގައި އަޅާފައިވާ ބިނާއެކެވެ. "ހުރާ އެކުވެރި ހިޔާ" ހުޅުއްވައިދެއްވުމަށްފަހު، އެކަމަނާ ދެއްކެވި ވާހަކަފުޅުގައި ހުރާއަކީ ވަރަށް އެކުވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށާއި މިއަދު ހުޅުވިގެން މިދިޔަ ބިނާގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި ބަދަހިކަން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ޖީލު ވަރަށް ބޮޑަށް ޑިޖިޓަލައިޒްވެފައިވާ ކަމަށާއި އެކަކު އަނެކަކާއި ބައްދަލުވެ ވާހަކަދައްކާލުން މި އޮތީ ވަރޗުއަލް ކަމަކަށް ބަދަލުވެފައިކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް އެއް އިންސާނަކާއި އަނެއް އިންސާނަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި އެކަކު އަނެކަކާއި ސީދާ ބައްދަލުވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އެ ކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން މިފަދަ ހިޔާއަކުން އެ މަގުސަދު ހާސިލުވެގެންދާނެކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

"ހުރާ އެކުވެރި ހިޔާ" ހުޅުއްވައިދެއްވުމަށްފަހު، އެކަމަނާ ވަނީ މި ރަސްމިއްޔާތަށް ހާޒިރުވި ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ބޭފުޅުންނާއެކު "ހުރާ އެކުވެރި ހިޔާ"ގައި ވަގުތު ހޭދަކޮއްލައްވާފައެވެ.