ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް، "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ 3 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި މި ޑިސެމްބަރު މަހުގެ 15 އިން 17 އަށް ކުރިއަށް ގެންދާ މި ފޯރަމަކީ ރާއްޖެއިން ކޯ-ހޯސްޓްކުރާ ފޯރަމެކެވެ. ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، "ދަ ފިއުޗާ އޮފް ދަ ބްލޫ އިންޑިއަން އޯޝަން ޑިވެލޮޕްމަންޓް: ޕްރެކްޓިސް އޮފް ދަ ގްލޯބަލް ސައުތު" މި ޝިއާރުގެ ދަށުންނެވެ.
ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ)އިން އިންތިޒާމްކޮށްގެން ބާއްވާ މި ފޯރަމްގެ މަގުސަދަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީ ހިމެނޭ ގޮތަށް ނޫ އިގްތިސާދުގެ އެކި ކަންކަމަށް ސަމާލުކަންދީގެން، ޗައިނާއާއި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމެވެ. ފޯރަމް ހުޅުވުމާއި ނިންމުމުގެ ރަސްމިއްޔާތުގެ އިތުރުން، ވަކި މައުޟޫއު ހާއްސަ މަޝްވަރާތަކެއް ކުރެއްވުމާއި، ސަބްފޯރަމްތަކާއި އެކި މައުޟޫއުތަކަށް ވަށް-މޭޒު ބައްދަލުކުރެއްވުންތައް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކުރެވިފައެވެ.
އެމަނިކުފާނު، މި ފޯރަމްގައި ބައިވެރިވަޑައިގަންނަވަނީ ޗައިނާ ސަރުކާރުގެ ދައުވަތަކަށެވެ. އަދި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވާހަކަފުޅު ދެއްކެވުމަށްވެސް ވަނީ ހަމަޖެހިފައެވެ. 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގައި ބޭއްވި "ޗައިނާ އިންޑިއަން އޯޝަން ރީޖަން ފޯރަމް"ގެ 2 ވަނަ ބައްދަލުވުމުގައިވެސް ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.