އަރިއަތޮޅު ދެކުނުބުރީ މަންދޫ ބަނދަރު ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީކޮށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އަރިހު އެރަށު ކައުންސިލުން އެދެފިއެވެ.

މަންދޫ ކައުންސިލުން މިކަމަށް އެދުނީ ރައީސް ޑރ. މުއިއްޒު، އެ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމާގުޅޭގޮތުން ބޭއްވި މަޝްވަރާކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ އިއްޔެ ހަވީރު އދ. ދަނގެތި ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި މީގެއިތުރަށް އެރަށު ކައުންސިލުން ވަނީ ފާއިތުވެ ދިޔަ އަހަރުތަކުގައި އެކި ސަރުކާރުތަކުން މަންދޫގައި މަޝްރޫޢުތައް ހިންގާފައިވާލެއް މަދުކަން ފާހަގަކުރައްވައި މި ސަރުކާރުގެ ފަރާތުން އެހެންވިޔަ ނުދީ ގިނަ މަޝްރޫއުތައް ކުރިއަށްގެންދެވުމަށް އެދިވަޑައިގެންފައެވެ. އަދި ރަށުގެ ސުކޫލަށް އިތުރު ކްލާސް ރޫމް ބޭނުންވާ ކަމަށާއި، ސިއްހީ މަރުކަޒުގެ ހިދުމަތް އިތުރަށް ތަރައްގީކުރުމަށް ބޭނުންވާކަމަށާއި، އޭ.ޓީ.އެމްގެ ހިދުމަތް ރަށުން ލިބުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި ރަށުން މާލެއަށް ފަސޭހަކަމާއެކު ދެވޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ވައުދުވެވަޑައިގެންފައިވާ ކަންކަން ކުރިއަށް ދާނެކަމަށެވެ. އަދި މުޅި ރާއްޖޭގައި އޭ.ޓީ.އެމްގެ ހިދުމަތް ތައާރަފުކުރުމުގެ މަޝްރޫއު ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މަންދޫގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި އެކި މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުވެސް ކަމާގުޅޭ ވަޒީރުން ހިއްސާކުރެއްވިއެވެ.