ދިވެހި ގައުމީ ހަރަކާތް ނުވަތަ ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) ވުޖޫދުވެއްޖެއެވެ. ރީތި އުފާވެރި މުސްތަގުބަލެއް ކުރަހައި ދެމުންނެވެ. އުންމީދާއި ގައުމީ ޖޯޝުން ހިތްތައް ފުރުވައި ދެމުންނެވެ. ސިޔާސީ މައިދާނުގައި ފޫހިވެ މިލާފައިވާ ހިތްތަކަށް އާރޯކަން ގެނެސް ދެމުންނެވެ. ކަރަޕްޝަނާއި ފަސާދައިން ފޯވެފައިވާ ސަރުކާރުތައް ދެކެ ފޫހިވެފައިވާ އެތައް ބަޔަކަށް ދިރުން ގެނެސްދެމުންނެވެ.

ޢަދުލުވެރިކަމާއި އިންސާފުވެރިކަމަށް އެދި ޝަރުޢީ ދޮރާށިތަކުގައި ޓަކިޖަހަމުން ދިޔަ އެތައް ބަޔަކަށް އިޖާބީ އަޑުތަކެއް އިއްވައިދެމުންނެވެ. ގެއްލި ފަނާވެ ވަޅުޖަހަމުންދާ ދިވެހިންގެ ރީތި އިސްލާމީ އާދަތައް ދިރުވައިދޭނެ ކަމަށް އަޑު އުފުލަމުންނެވެ. ވީދި ލޫދިފައިވާ އިޖުތިމާޢީ ފޭރާން ފަހައިދީ އައު ހެދުމެއް އަޅުވައިދީ، ދިވެހިންގެ އައުރަ ނިވާކޮށްދޭނެ ކަމުގެ މަތިވެރި ނިޔަތާއެކުގައެވެ. ދިވެހިންގެ ވަތަން ދިވެހިންނަށް ހޯދައިދޭނެ ކަމުގެ ކަށަވަރުކަން ދިވެހިންނަށް ދެމުންނެވެ.

މިރޭ ފެށި ޙަރަކާތަކީ ގައުމީ ހަރަކާތެކެވެ. "ދިވެހި ވަޠަން ދިވެހީންނަށް" ފޯރުކޮށް ދިނުމަށް ފެށި ހަރަކާތެކެވެ. ވީދެމުންދާ ގައުމީ އަދި އިޖުތިމާއީ ފޭރާން އައުކޮށް ޒީނަންތެރި ކޮށްދިނުމަށް ފެށި ހަރަކާތެކެވެ.

ވަރުގަދަ އަގުދު ނާމާއެއްގެ ދަށުން ފެށި މިހަރާކާތުގައި އެ އަގުދުނާމާގެ އަސަރެއް ނުފެނުނެވެ. ގައުމީވަންތަކަމެއް ދައްކައި ނުލެވުނެވެ. ގައުމީ ޖޯޝާއި ރޫހު އުފައްދައި ނުލެވުނެވެ. އަޑުއަހައިލަން ބޭނުންވި ޢަޤުދުނާމާއެއް އަޑެއް ނީވުނެވެ.

މިފަދަ ހަރަކާތެއް އަލަށް ފަށައިގަންނަ ރަސްމިއްޔާތަކުން ފެންނާނެ ކަމަށް އުންމީދު ކުރެވުނު ބައެއް ކަންކަން ނުފެނުނެވެ. ބޭފުޅުން ތިއްބެވިކަން ދެއްކުމުގެ ނިޔަތުގައި ގިނަ ބޭފުޅުން ޕޯޑިއަމަށް އެރުއްވުމުގެ ބަދަލުގައި މިފަދަ ހަރަކާތެއްގައި ދައްކަވާނެ ވާހަކަތަކަށް ތައްޔާރުވެވަޑައިގެން ތިއްބެވި ބޭފުޅުން އެކަނި ޕޯޑިއަމަށް އެރުއްވިނަމަ ހާދަހާވާ ރަނގަޅޭ ހިތަށް އެރިއެވެ. ބައެއް ބޭފުޅުންނަށް އެބޭފުޅުން ވިދާޅުވާން ބޭނުންފުޅުވި ވާހަކަ ރައްޔިތުންނާ ހަމައަށް ސާފުކޮށް ފޯރުކޮށް ދެވުނުބާވައޭ ހިތަށް އެރިއެވެ.

މިހަރަކާތް އުފަން ވެގެން އައީ ބޮޑު އަގުދުނާމާއެއް އޮވެގެންނެވެ. އޭގައި އޮތް ވާހަކައަކާއި އެއަށް އަމަލު ކުރައްވާނެ ވާހަކަ ވިދާޅުވީ ކިތައް ބޭފުޅުން ހެއްޔެވެ؟ މި ހަރަކާތާ ގުޅުނީ މި އަގުދުނާމާގައި ހިމަނާފައިވާ ކަންކަން ހާސިލްކުރައްވަން ކަން ވިދާޅުވީ ކިތައް ބޭފުޅުން ހެއްޔެވެ؟

އިސްލާމްދީނާއި، ސަގާފަތާއި، ބަހާއި، ކަނޑާއި، އެއްގަމާއި، ޖައްވާއި އެއިން ދައްކުވައިދޭ ގައުމިއްޔަތުގެ ވާހަކަ ދެއްކެވީ ކިތައް ބޭފުޅުން ހެއްޔެވެ؟ މިފަދަ ހަރަކާތަކުން ދައްކުވައި ދޭންޖެހޭނީ މުޅިން ވެސް ގައުމިއްޔަތެވެ. މާލަމުން ފެންނަންވާނީ ގައުމީދިދައެވެ. ޑީއެންއޭގެ މިފަދަ ކޮންމެ ހަރަކާތެއް ނިންމާލަން ވާނީ ގައުމީ ސަލާމުންނެވެ. ގައުމީ ސަލާމް ކަރުދާހުގައި ލިޔުއްވާފައި މާލަމުގައި ބެހެއްޓެވުމަކުން ނުފުދޭނެއެވެ.

ރައްޔިތުންނަށް އުންމީދު ގެނުވައިދޭނެ މިފަދަ ހަރަކާތެއް ވުޖޫދުވެގެން އަންނަންވާނީ މިހުރިހާކަމެއް ފުރިހަމަ ވެގެންނެވެ. އަދިވެސް ކުރެވޭ އުންމީދަކަށް ފަނޑުކަމެއް ނާދެއެވެ. ކުރިއަށް ވަޑައިގަންނަވާށެވެ. ފެށުމުގައި މި ގޮތަށް ކަންކަން ހިނގިޔަސް މިކަން ތަކުރާރު ނުވުމަށް "ދިވެހި ވަޠަން ދިވެހިންނަށް" އެދޭ ދިވެހިން އެދޭނެއެވެ. މަތީގައި އެވާ ސުވާލުގެ ޖަވާބު ތިޔަބޭފުޅުން ދެއްވާށެވެ.