އަރިއަތޮޅު ދެކުނުބުރީ ފެންފުށީގައި އޮޑި ދޯނިފަހަރު އެހެލުމުގައި ހުރި ގޮންޖެހުންތަކާއި، ހިނަވާގެއެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އަރިހުގައި އެ ރަށު ކައުންސިލުން ހިއްސާކޮށްފިއެވެ.

އެރަށު ކައުންސިލުން މިކަން ހިއްސާކޮށްފައިވަނީ އދ. ދަނގެތި ކައުންސިލުގެ އިދާރާގައި ރައީސުލްޖުމުހޫރިއްޔާ، އެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއެކު އިއްޔެ ހަވީރު ބޭއްވިި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި އެރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމުގެ ގޮތުގައިކައުންސިލުން ފާހަގަކުރެއްވި ކަންކަން ފުރިހަމަކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރަށް މި ބައްދަލުވުމުގައި އެ ކައުންސިލުން އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެ ރަށުގައި އިތުރު ވޮލީ ކޯޓެއް ގާއިމުކޮށްދެއްވުމަށާއި، އަދި ރަށުގައި އެކަށީގެންވާ ފެނާ ނަރުދަމާގެ ނިޒާމުގެ މަސައްކަތް ފުރިހަމަކޮށްދެއްވުމަށްވެސް އެދިފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ފެންފުށީގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން އެންމެ އިސްކަންދޭ ތަރުތީބަކުން ކުރިއަށްގެންދަވާނެކަމުގައި ވިދާޅުވިއެވެ.