އީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު، އދ. ދިއްދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރޭ ދަނގެތި ކައުންސިލްގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ބަނދަރުގެ މަޝްރޫއާއި ނެރު ފައިކަށި މަޝްރޫއު ކުރިއަށްގެންދިއުމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ކައުންސިލުން ހިއްސާކުރެއްވިއެވެ. އަދި ރަށްގިރުމުގެ މައްސަލަވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލުން ވަނީ މިހާރު ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭގޮތުން، ރައްޔިތުން ބޭނުންވާ ގޮތްތައް ތަފުސީލީ ގޮތެއްގައި ހިއްސާކުރައްވާއެވެ. އަދި ރަށުގައި ތައުލީމީ ދާއިރާގައި ހުރި ކަންބޮޑުވުންތައްވެސް ކައުންސިލުން މިބައްދަލުކުރެއްވުމުގައި ހިއްސާކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ބަނދަރާއި ނެރުގެ މަޝްރޫއުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ވަރަށް ސީރިއަސްކޮށް ބައްލަވައި ދެމެހެއްޓިނިވި ގޮތެއްގައި އެކަންކަމަށް ޙައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ދިއްދޫގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.