އދ. ދަނގެތި ކައުންސިލުން އެރަށަށް ޑޮލަރު އޭ.ޓީ.އެމް އެއް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އަރިހުގައި ބުނެފިއެވެ.
އެ ކައުންސިލުން މިިހެން ބުނެފައިވަނީ އެ އިދާރާއިގައި ރައީސްއާ އެ ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާއިއެކު ރޭ ބޭއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި އެ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރަށް އެ ކައުންސިލުން ވަނީ ރަށުގެބަނދަރުގެ އެކްސްޓެންޝަން މަޝްރޫއުގައި ހުރި ކަންބޮޑުވުންތައް ވަރަށް ތަފްސީލީގޮތެއްގައި ހިއްސާކުރައްވާފައެވެ. އަދި ރަށުގެ ޒުވާނުންނަށް ގޯތި ބޭނުންވާކަން ފާހަގަކުރައްވައި، ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ސުކޫލަށް މަލްޓި ޕާޕަސް ހޯލެއް ބޭނުންވާކަމަށާއި ރަށަށް އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް މަގުފަހިކުރުމަށް ބޭނުންވާކަމާއި، އެ ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
ރޭގެ ބައްދަލުކުރެއްވުމުގައި ރައީސް އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ދަނގެތީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދަނގެތީގައި ކަލްޗަރަލްސެންޓަރ ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށާއި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކުރިއަށްގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ޑޮލަރ އޭ.ޓީ.އެމްގެ ކަންކަން ބައްލަވައި، ދެންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.