އދ. މާމިގިލި ހޮސްޕިޓާ ތަރައްގީކުރުމުގެ މަޝްރޫއު މި އަހަރު ފައްޓަވާނެކަމަށާއި އަދި ކައުންސިލުން ފާހަގަކުރެއްވި އެހެނިހެން ކަންކަންވެސް، ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކުރިއަށްގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އދ. މާމިގިލި ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދަނގެތި ކައުންސިލްގެ އިދާރާގައި ރޭ ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންތައްތައް ރައީސްއާ ހިއްސާކުރައްވާފައެވެ. އެގޮތުން ހޮސްޕިޓާ ތަރައްގީކޮށްދެއްވުމަށާއި ބަނދަރާއި މަގު ހެދުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ރަށުގެ ޕޮލިސް ސްޓޭޝަން ހިންގުމަށް އިމާރާތެއް ބޭނުންވާކަން ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީ އިން ވަނީ އެބޭފުޅުންނަށް އެލަވެންސް ދިނުމާއި އެކަންކަމާގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މާމިގިލީގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީތަކަށް ބޭނުންވާކަންކަން ކޮށްދެއްވާނެކަން ފާހަގަކުރައްވައި، އެކަންކަން ކުރިއަށްގެންދިއުމަށް ކުރައްވާނެ ކަންކަމުގެ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވިކަންކަން ކުރިއަށްގެންދާނެކަމުގައި ވިދާޅުވެފައެވެ.