މާތް ﷲގެ އިރާދަފުޅާއެކު، މި ސަރުކާރުން ކުރިއަށްދާނީ، ކުރިމަތިކުރާ އަދި ކުރިމަތިވާ ހުރަސްތައް ގިރާކުރަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އަރި އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރެއްވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ، ދަނގެތީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ބުރާސްފަތި ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަށް އިޝާރާތްކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ އާއި، އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާ، އަދި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާ އަދި މާލޭ ސިޓީ ކައުންސިލްގެ އިދާރާއެއް ހުރި ދެ އިމާރާތް ބޭނުންނުކުރެވޭ ގޮތަށް އަނދާ އަޅިއަށްވީ ހާދިސާއަކީ، ރައީސްއަށްވެސް ފުން އަސަރުތަކެއް ކުރުވި ހާދިސާއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ހާދިސާގައި ގެއްލުން ލިބުނު ތިން ވުޒާރާ އާއި މާލޭ ސިޓީ ކައުންސިލަކީ، އެމަނިކުފާނުވެސް އެކި ދުވަސްވަރު އެ ތަންތަނުގައި ހިދުމަތްކުރެއްވި އިދާރާތަކެއް ކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ، އެތައް އަހަރެއްގައި އެތައް މުވައްޒަފުންނަކާއެކު މަސައްކަތްކުރި އެ އިމާރާތްތައް އަނދައި، ހުލިވެ، ބިންމައްޗަށް ތިރިވީ މަންޒަރު ފެނިވަޑައިގަތުމުން އަސަރުކުރެއްވިކަމަށެވެ.

އެހެންނަމަވެސް، އެމަނިކުފާނު މި ގޮންޖެހުމާ ކުރިމަތިލެއްވީ ވަރަށް ހިތްވަރާ އެކުގައިކަމަށާއި، އެންމެން އެކީ އަތުކުރި އޮޅާލައިގެން، ބުރާސްފަތި ދުވަހުގެ ރޭ ފެއްޓެވި މަސައްކަތް މެދުކަނޑާނުލައި ކުރިއަށްގެންދެވުމުގެ ނަތީޖާއެއްގެ ގޮތުން، އިރާދަކުރެއްވިއްޔާ މާދަމާ ހެނދުނު 8 ޖަހާއިރު އެ ވުޒާރާތަކުން ހިދުމަތް ދޭން ފަށާނެކަމަށް އެމަނިކުފާނު ރޭ އިއުލާންކުރެއްވިއެވެ. އަދި މި ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުގައި މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކަށް ރައީސް ޝުކުރުއަދާކުރެއްވިއެވެ.