އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދެއްވަން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަކީ، ޤާނޫނުގައި އޮންނަ ނުކުތާއެއްގެ ނިވަލުގައިވާ ބޭއިންސާފެއް ތަޙައްމަލުކުރަމުންދާ ކޮމެޓީތަކެއް ކަމަށާއި، ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން އެ ކޮމެޓީތަކުގެ ޝަކުވާތައް އަޑުއެއްސެވި ނަމަވެސް، އެކަމަށް ޙައްލެއް ގެނައުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާތީ، ވޭތުވެދިޔަ ދުވަސްތައް ހޭދަކުރެއްވީ ކަމާ ގުޅުންހުރި ލަފާ ހޯއްދަވައި ދިރާސާތައް ކުރެއްވުމުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަންހެނުންގެ ކޮމެޓީތަކުގެ މެންބަރުންނަކީ، މުސާރަ ލިބޭ، ރަމަޟާން މަހުގެ އިނާޔަތް ލިބޭ، އަދި މާލީ އިދާރާތަކުގެ އެކި ސްކީމްތަކަށް ޝަރުޠު ހަމަވާ ބައެއްކަމުގައި ހެދުމަށްޓަކައި، ލާމަރުކަޒީ ޤާނޫނަށާއި، ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ ދެން އޮންނަ ދައުރުގެ މަސައްކަތް ފެށުމާއެކު ސަރުކާރުން ހުށަހަޅުއްވާނޭކަމަށް އެމަނިކުފާނު އިއުލާންކުރެއްވިއެވެ.
އަދި އެ އިސްލާހުތައް ގެނެސް، އަންނަ ރަމަޟާން މަހު އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދެއްވަން ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވަނީ، މިއަދު ތަސްދީޤުކުރެއްވި ބޭރުފައިސާއާ ބެހޭ ބިލަށްވެސް އިޝާރާތްކުރައްވާފައެވެ. އެގޮތުން، މި ބިލަށް ޢަމަލީ ސިފައެއް އައިސް، މި ބިލުގައި ވާގޮތުން ޑޮލަރު މާރުކުރެވެން ފެށުމުން، ކްރެޑިޓް ކާޑު ލިމިޓް ޑަބަލްކުރެވުން ފަދަ ފައިދާތައް ޢާންމު ރައްޔިތުންނަށް ލިބޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ލޯކަލް ޓޫރިޒަމުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކުރަންޖެހޭ ގޮތަށް ގާނޫނަށް އިސްލާޙު ގެނައުމަށް ކުރަމުންދާ ފަންނީ މަސައްކަތްވެސް ނިމުނުހާ އަވަހަކަށް މަޖިލީހަށް ހުށަހަޅައި، ފަތުރުވެރިކަމުން ލިބޭ ޓެކްސް ސީދާ ކައުންސިލްތަކަށް ލިބޭނޭ މަގު ފަހިވެ، ކައުންސިލްތަކަށް މާލީ ބާރުވެރިކަން އިތުރަށް ލިބޭނޭ މަގު ފަހިކޮށްދެއްވާނޭކަމަށް ރައީސް ވަނީ ވިދާޅުވެފައެ