އދގައި މިޔަންމާ ތަމްސީލު ކުރާނެ ފަރާތެއްގެ މައްސަލާގައި، މިޔަންމާގެ ވެރިކަމަށް އަތްގަދަކޮށްގެން ތިބި އަސްކަރީންނާއި، އަސްކަރީން އިންގިލާބުކޮށްލި އަންގް ސަން ސޫކީގެ ސަރުކާރުން އދއަށް ކަނޑައަޅާފައި ހުންނެވި އެމްބަސެޑަރާ ދެމެދު ވަރަށް ވަރުގަދަ އަރާރުންތަކެއް ހިނގަމުން އެބަދެއެވެ.

މިޔަންމާއިން އދއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ކިޔައު މޯއި ޓުން މިދިޔަ ހުކުރު ދުވަހު އދގެ އާންމު މަޖިލީހުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން، އަސްކަރީ ސަރުކާރުންވަނީ، ޖެހިގެން އައިދުވަހު އޭނާ މަގާމުން ވަކިކުރިކަން އިއުލާން ކޮށްފައެވެ.

ހުކުރު ދުވަހު އާންމު މަޖިލީހުގައި ވާހަކަ ދައްކަވަމުން އެމްބަސެޑަރ ކިޔައު މޯއިވަނީ، ސޫކީގެ މަދަނީ ސަރުކާރު އަލުން ގާއިމްކުރުމަށް އެހީތެރިވެދިނުމަށް އދގެ މެމްބަރު ގައުމުތަކުގައި އެދިވަޑައިގެން އާދޭސް ދަންނަވާފައެވެ.

އަސްކަރީ ބަޣާވާތެއް ގެނެސް، މަދަނީ ސަރުކާރުގެ ހުރިހާ ވެރިން ހައްޔަރުކޮށް ވެރިކަމުގައި މިހާރުތިބި އަސްކަރީން ރުޅިއައީ މި ވާހަކަތަކާ ގުޅިގެންނެވެ.

މިކަމާހެދި މިޔަންމާގެ ފޮރިން މިނިސްޓްރީން އަންގާރަދުވަހު ވަނީ އދއަށް ނޯޓެއް ފޮނުވާފައެވެ. އޭގައި ބުނެފައިވަނީ، ކިޔައު މޯއި މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

އަދި އެމްބަސެޑަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ވަގުތީގޮތުން ހަވާލު ކުރެވިފައިވަނީ އެމްބަސެޑަރުގެ ނާއިބް ޓިން މައުއަންގް ނައިންގްއާ ކަމަށްވެސް ނޯޓުގައި ބުނެފައި ވެއެވެ.

އަސްކަރީ ސަރުކާރުން މިގޮތަށް އެންގި ނަމަވެސް، ކިޔައު މޯއި ޓުން މިދިޔަ ހޯމަދުވަހުވަނީ އދގެ އާންމު މަޖިލީހަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި އޭނާ ވިދާޅުވެފައިވަނީ، އދގައި މިޔަންމާ ތަމްސީލުކުރާ އެމްބަސެޑަރަކީ އަދިވެސް އޭނާ ކަމުގައެވެ.

ޣައިރުގާނޫނީ ބަޣާވާތެއް ކޮށްގެންތިބި ބަޔަކަށް، މިޔަންމާގެ ގާނޫނީ ރައީސް ނިންމަވާފައިވާ ނިންމެވުމެއް ބަދަލުކުރުމުގެ އިޚްތިޔާރު ލިބިގެން ނުވާކަމަށްވެސް އެމްބަސެޑަރުގެ ސިޓީގައި ވެއެވެ.

އދގެ ތަރުޖަމާނު ސްޓެފަން ޑުޖަރިޗް ވިދާޅުވީ، ދެފަރާތުން ފޮނުވި ސިޓީތައްވެސް އދއަށް ލިބިފައިވާ ކަމަށާއި، އަދި އެ ސިޓީތައް ފޮނުވި ފަރާތަކާއި އަދި އެއާމެދު އަމަލުކުރަންވީ ގޮތަކާމެދު އދގެ ގާނޫނީ ކޮމިޓީތަކުން ބަލަމުންދާ ކަމަށެވެ.