އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގައި އިސްލާމިކް ސެންޓަރެއް ގާއިމުކޮށްދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އަރިހުން އެރަށު ކައުންސިލުން އެދެފިއެވެ.
މަހިބަދޫ ކައުންސިލުން މި ކަމަށް އެދިފައިވަނީ ރައީސް ޑރ. މުއިއްޒު، މަހިބަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއެކު އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާގުޅޭގޮތުން ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.
މީގެއިތުރަށް މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ މަހިބަދޫގެ ބިން ހިއްކުމަށް ބޭނުންވާކަމަށާއި، ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، ރަށުގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަން އެމަނިކުފާނަށް ހިއްސާކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މަހިބަދޫ އާބަން ސެންޓަރެއްގެ ގޮތުގައި ތަތައްގީކުރުމަށް ކަނޑައެޅުއްވި މައިގަނޑު ބޭނުންތަކާއި އެކަން ކުރުމަށް ރާވަމުންދާ ގޮތްތަކާއި، އެކަމުގެ ސަބަބުން އެ ސަރަހައްދަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި މި މަސައްކަތް ކުރިއަށްގެންދިއުމުގައި ކައުންސިލްގެ ފަރާތުން އެއްބާރުލުން ބޭނުންވާ ކަންކަން ހިއްސާކުރެއްވިއެވެ. މީގެއިތުރުން ރަށުގައި ހައުސިންގ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެވެސް ހިޔާލުތައް ހިމަނައިގެން މާފަރު ފަޅުގެ މާސްޓަރ ޕްލޭނެއް، ކައުންސިލުން ތައްޔާރުކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މަހިބަދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.