އަންނަ އަހަރަކީ އދ. މަހިބަދޫގައި 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ފަށާ އަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަހިބަދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އަންނަ އަހަރަށް ސަރުކާރުން ފާސްކުރައްވާފައިވާ ގެދޮރުވެރިކަމުގެ ބަޖެޓަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، މިހާރުވެސް ރަށުން ލިބެން އޮތް ބިމުގައި ހައުސިންގ ޔުނިޓު އެޅުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނޭކަމަށެވެ. އަދި މަހިބަދޫގެ އިހުތިޞާސްގައި ހިމަނުއްވާފައިވަމާ މާފަރު ފަޅުހިއްކައި ތަރައްގީކުރުމުގެ ކޮންސެޕްޓު ފަރުމާކުރުމުގައިވެސް ރައްޔިތުން އެދިވަޑައިގަންނަވާ ވިސްނުންފުޅާ އެއްގޮތަށް މަސައްކަތްކުރައްވާނޭކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފައެވެ.
މި ރަށް، އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީވުމުން، އެކަމުގެ ފައިދާ ލިބޭނީ ހަމައެކަނި ރަށުގެ ރައްޔިތުންނަށް ނޫންކަމަށާއި، މުޅި ސަރަޙައްދަށް އެފައިދާލިބޭނެކަން ފާހަގަކުރައްވަމުން ރައީސް ވަނީ، މާފަރު ފަޅަކީ، އަރބަން ސެންޓަރުގެ ހަގީގީ މާނައިގައި ތަރައްގީވެގެންދާ ތަނަކަށް ވާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން ރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކުރައްވާފައިވާ އުމްރާނީ ތަރައްގީގެ އިތުރުން، މާނަވީ ތަރައްގީ ގެނެސްދެއްވުމަށް، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި، މުހިންމު މަސައްކަތްތަކެއް ކުރައްވާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ ސިޔާސަތަކީ، ހަތަރު އަހަރުގެ ތެރޭގައި، ރަށުގެ ރައްޔިތުން ބޭނުންވާގޮތަށް ތަރައްގީގެ ކަންކަން ބައްޓަންކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.