ށ. މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މުހިންމު މަސައްކަތްތައް މިހާރު ވަނީ ނިމިފައިވާކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.

156،477،632.23 ދިވެހި ރުފިޔާގެ އަގުހުރި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 12 މާރިޗު 2020 ގައެވެ. އެ އަހަރުގެ ސެޕްޓެމްބަރު މަހުގައި އަމަލީ މަސައްކަތް ފެށުނު މި މަޝްރޫޢުގެ އަމަލީ މަސައްކަތް މިހާރު ވަނީ ނިމި، އިމާރާތް ކުރުމާއި ބިނާކުރުމާ ބެހޭ ވުޒާރާއިން "ފައިނަލް އިންސްޕެކްޝަން" ހެދުމުގެ މަރުޙަލާ ކުރިއަށްދާކަމަށް އާރްޑީސީން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 6.3 ކިލޯމީޓަރުގެ ދިގުމިން ހިމެނޭހެން ނުވަ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވެއެވެ. މި މަގުތައް ތަރައްޤީ ކުރެވިފައިވަނީ ސްޓޯރމް ވޯޓަރ ނެޓްވޯކާއި ކޭބަލް ޖަންކް އަދި ސްޓޯމް ވޯޓަރ ޕަމްޕުތައް ހިމެނޭ ފެން ހިންދާ ނިޒާމާއެކު، ތާރު އަޅައިގެންނެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ދުވަހަކީ ދިވެހިރާއްޖޭގައި ކޯވިޑް-19 އާ ގުޅިގެން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރި ދުވަސްކަމަށްވުމާއެކު، މި މަޝްރޫޢަށް ބޮޑެތި ލަސްތަކެއް ކުރިމަތިވިއެވެ. ދަތުރުފަތުރުގެ ގޮންޖެހުންތަކާއި ރަށްރަށަށް ދަތުރުކުރުން މަނާކުރުމުގެ ސަބަބުން މި މަޝްރޫޢު ވަގުތީގޮތުން މަޑުޖައްސާލަން ޖެހުނެވެ.

މި މަޝްރޫޢަކީ ށ. މިލަންދޫގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް، މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިއަށްގެންދެވުނު މުހިންމު މަސައްކަތެކެވެ. މި މަޝްރޫޢު ނިމުމުން ރަށުގެ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެކަމަށް އުންމީދު ކުރެވެއެވެ.