އިންޑިޔާގެ ޓްރިވެންޑްރަމަށް އާއިލާ ގޮވައިގެން ބޭސް ފަރުވާ އަކަށް ގޮސް އުޅުނު ދަތުރެކެވެ. މިދަތުރުގައި ޓްރިވެންޑްރަމްގައި އުޅޭތާ ތިން ދުވަސް ވީތަނާ ހޮޓަލަކުން ގާތް ރައްޓެސަކާ ދިމާވެއެޖެއެވެ. އޭނާވެސް އިންޑިއާ އަށް އައިސް މި އުޅެނީ އާއިލާ ގޮވައިގެން ޑޮކްޓަރަށް ދައްކާށެވެ.

ދެމީހުން ސަލާންގަލާންކޮށް ވާހަކަ ދައްކަމުން ދިޔައިރު އޭނާއަށް ލިބިފައިވާ ރަނގަޅު އޮޓޯ ޑްރައިވަރެއްގެ ވާހަކަ ކިޔައިދިނެވެ. މީޓަރު ޖައްސައިގެން ދަތުރު ކޮށްދޭ ވާހަކައެވެ. ތަނެއްގައި ގިނައިރު މަޑުކުރަން ޖެހުނަސް އެހެން މީހުންހެން ގިނަ ފައިސާތައް އަތު ނުލާ ވާހަކައެވެ.

ރަޙުމަތް ތެރިޔާއާ ވާހަކަ ދައްކާލުމުން އޭނާއަށް ލިބިފައި މިވަނީ ވަރަށް ރަނގަޅު އޮޓޯ ޑްރައިވަރެއްކަމަށް ޤަބޫލު ކުރެވުނެވެ. އެއީ އަހަރެމެނަށް ދުވަހަކުވެސް މީޓަރަށް ދަތުރުކޮށްދޭނެ ޑްރައިވަރެއް ނުވާތީ އެވެ.

އޭގެ ދެ ދުވަސް ފަހުން އަނެއްކާވެސް އެއްކަލަ ރަޙުމަތްތެރިޔާ އާއި ދިމާވެއެޖެއެވެ. މިފަހަރު މެންދުރު ކާއެއްޗިހި ގަންނަން ނުކުމެ އުޅެނިކޮށެވެ. ރަޙުމަތްތެރިޔާ ހުރީ އޭނާ ހުންނަ ހޮޓަލުގެ ދޮރުމަތީގައެވެ. އަހަރެން ފެނުމާއެކު ކޮންތާކަށްތޯ ދަނީ ސުވާލުކުރިއެވެ. ކާ އެއްޗިހި ގަންނަންދާ ވާހަކަ ބުނުމުން އޭނާވެސް ހަމަ އެކަމުގައޭ ދެމީހުން އެކީގައި ހިނގާށޭ ބުންޏެވެ. އަދި ތިމަންނަގެ ޑްރައިވަރު ވަރަށް މީރު ކާއެއްޗިހި ވިއްކާ ހޮޓަލަކަށް ގެންދެޔޭ ބުންޏެވެ. އެއީ ކޮންތަނެއްތޯ އެހުމުން އަހަރެންވެސް ކާއެއްޗިހި ގަންނަ ހޮޓަލުގެ ނަން ބުނެފިއެވެ. އެހެން ނަމަވެސް އެއީ އޮޓޯއަކަށް އަރައިގެން ދާހާ ދުރު ހިސާބެއްގައި ހުންނަ ތަނަކަށް ނުވުމުން އަހަރެން ހިތަށްއެރީ އެނަން ކިޔާ އެހެން ތަނެއް ހުންނަނީ ކަމަށެވެ.

ކޮންމެއަކަސް އޮޓޯއަށް އަރައިގެން އަހަރެން ރަޙުމަތްތެރިއާއި އެކު ވިއްސަކަން މިނެޓް ގެ ދަތުރަކަށްފަހު ހޮޓަލަށް ކައިރި ކޮށްފިއެވެ. އޮޓޯއިން ފޭބުމަށްފަހު ރަހުމަތްތެރިޔާ ގާތު ވަރަށް އާދޭސް ކޮށްގެން އޮޓޯ ފޮނުވާލައިފީމެވެ. ދެމީހުން ވާހަކަ ދައްކަމުން ހިނގާލާފައި ދާނީކަމަށް ބުނެއެވެ. ކާއެއްޗިހި ގަނެގެން ހޮޓަލުން ނުކުމެ ދެތިން ފޫޓަށް ހިނގާލުމަށްފަހު އެންމެ ކައިރީ އޮތް ގޯޅިން ވައަތަށް އަޅައިގެން ބޮޑުމަގަށް ނުކުމެ ދެތިން ފިޔަވަޅެއް އަޅާލައިފައި ރަހުމަތްތެރިޔާ ގާތު ބުނެފީމެވެ. މިހިރީ ރަހުމަތް ތެރިޔާ ހުންނަ ހޮޓާ ނޫން ހެއްޔެވެ؟ ރަޙުމަތްތެރިޔާ ރަނގަޅަށް ބަލާލުމަށްފަހު ބުންޏެވެ. އާނ! ދިހަ މިނެޓުން ހިނގާލާފައި އާދެވުނީ ދޯއެވެ. އަހަރެން ބުނީމެވެ. އާނއެކެވެ. ތިޔަ ރަނގަޅު އޮޓޯ ޑްރައިވަރު ވިހި މިނެޓުން ގެންގޮސްދޭ ހޮޓަލުން އަހަރެމެން މިއައީ ހިނގާލާފައި ދިހަ މިނެޓުންނެވެ. އޭގެ ފަހުން ރަހުމަތްތެރިޔާ އެ އޮޓޯ ޑްރައިވަރު ފެނުނަސް މޫނު އަނބުރާލަނީ އަނެއް ފަރާތަށެވެ.

މި ހުންނަނީ އަމިއްލައަށް ކަންކަން ނުބަލައި މީހުންނަށް އިތުބާރުކޮށް އެމީހުން ބުނާގޮތަށް ހެދުމުން ލިބޭ ދެރައެވެ. ނިކަމެތިކަމެވެ. ތެދެކެވެ. ރަނގަޅު ޑްރައިވަރުން ވެސް އުޅޭނެއެވެ. އެކަމަކު އެންމެން ރަނގަޅެއް ނުވާނެއެވެ. މިޒަމާނަކީ ހައިޓެކް ޒަމާނެވެ. ކޮންމެ މީހެއްގެ އަތުގައި މުށެއް ވަރުގެ އެންމެޒަމާނީ ފޯނެއް އޮވެއެވެ. އެއިން ވެސް ތިމާމެން މިއުޅޭ ސަރަހައްދުގެ ހޯޓަތަކާއި ރެސްޓޯރެންޓް ބެލިދާނެއެވެ. ބޭރު ގައުމަކަށް ދިޔަސް އަމިއްލަ ގައުމުގައި ވިޔަސް އެއްވެސް ބައެއްގެ އުނގަށް ވެއްޓުމުގެ ބޭނުމެއް ނެތެވެ. އަމިއްލައަށް އުޅެން ދަސްކުރާށެވެ. ނޫނީ ލިބޭ ލޮޓީ މާބޮޑުވާނެއެވެ.