ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ފާތިމަތު އާޝާން މިއަދު އައްޔަން ކުރައްވައިފިއެވެ.
އާޝާން ވަނީ މީގެ ކުރިން އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރުކަމާއި މިފްކޯގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ފުރުއްވާފައެވެ. އެފްއެސްއެމްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.
މެލޭޝިއާގެ ކޭޑީޔޫ ކޮލެޖުން 2003 ވަނަ އަހަރު ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ހާސިލް ކުރައްވާފައިވާ އާޝާންއަކީ އެފްއެސްއެމްގެ ތާރިހުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރައްވާ ފުރަތަމަ އަންހެން ބޭފުޅާއެވެ.
އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އާޝާން އައްޔަން ކުރައްވާފައި މިވަނީ، އެފްއެސްއެމް މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި އިސްމާއިލް ސުހައިލް މިދިޔަ ނޮވެމްބަރު މަހު މަގާމުން ވަކި ކުރުމަށްފަހުއެވެ. އަދި އެފްއެސްއެމް މުވައްޒަފުންތަކެއް ތެޔޮ ވިއްކައިގެން ނާޖާއިޒް ފައިދާ ހޯދިކަމުގެ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ފުލުހުން ތަހްގީގު ކުރަމުންގެންދާ ދަނޑިވަޅެއްގައެވެ.