މިދިޔަ ބުރާސްފަތި ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ތިން މިނިސްޓްރީގެ ވަގުތީ އޮފީސްތައް ދަރުބާރުގޭގައި ޤާއިމުކުރުމުގެ މަސައްކަތްތުގައި މޯލްޑީވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްޓީސީސީގެ ޓީމުން މިހާރު ވަނީ ދަރުބާރުގޭގައި ވަގުތީ އޮފީސްތައް ޤާއިމުކުރުމަށް ބޭނުންވާ ވަސީލަތްތައް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައެވެ. މީގެ އިތުރުން، އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އިމާރާތްތައް ސާފުކުރުމުގެ މަސައްކަތުގައިވެސް އެމްޓީސީސީގެ ޓީމުން ވަނީ ބައިވެރިވެފައެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވި ގޮތުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ހައުސިންގ، އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ މައިގަނޑު ޚިދުމަތްތައް ދަރުބާރުގޭގެ ތިން ހޯލުގައި ދެވޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ. މި ޚިދުމަތްތައް މިއަދުން ފެށިގެން ދަރުބާރުގޭގައި ލިބެން ހުންނާނެއެވެ.
12 ޑުސެމްބަރު ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 6:30 ހާކަށްހާއިރު ހައުސިންގ މިނިސްޓްރީގައި ފެށުނު އަލިފާނުގެ ހާދިސާ އަވަހަށް ފެތުރި، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަންމަންޓް މިނިސްޓްރީއަށް ވެސް ހުޅުގަނޑު އެޅިއެވެ. ގާތްގަނޑަކަށް ހަތަރު ގަޑިއިރުގެ މަސައްކަތަކަށްފަހު އަލިފާން ނިއްވާލެވުނު އިރު، އެ ސަރަހައްދުގައި ހުރި އެއްވެސް އިމާރާތެއް އިތުރަށް ބޭނުންކުރެވޭ ވަރުގައި ނެތެވެ..