ދަރިންނަށް ހެޔޮ މުސްތަޤުބަލެއް ފޯރުކޮށްދެވެން އޮތީ ޒަމާނުއްސުރެ މުޖުތަމަޢުގައި އަށެގެންފައިވާ ނުރަނގަޅުކަންކަމުން ސަލާމަތްވެގެން ހޯދޭ ފިކުރީ ތަރައްޤީއާވެސް އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި ވާހަކަފުޅު ރައީސް ދެއްކެވީ އަރިއަތޮޅު ދެކުނުބުރީގެ މަހިބަދޫއަށް ކުރެއްވި ދަތުރުފުޅެއްގައި، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބަވަނަވަމުންދާ އަދުގެ ދުނިޔޭގައި ތަފާތު އެތައް ކަމަކާ ކުރިމަތިލާންޖެހޭ ކަމަށާއި، ނަމަވެސް ޢަޒުމެއް ކަނޑައަޅައިގެން މަސައްކަތްކޮށްފިނަމަ އެކަމަކުން ސަލާމަތްވެވޭނެ ކަމަށެވެ. މިގޮތުން، ރޭ 00:00 އިން ފަށައިގެން ރާއްޖޭގެ އެއްވެސް ހިސާބެއްގައި ވޭޕްގެ ވިޔަފާރި ކުރުމާއި ބޭނުން ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއްގެ ގޮތުގައި ތަންފީޒު ކުރަން ފެށުމީ އެފަދަ މިސާލެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މުޖުތަމަޢުތަކަކީ ވޭޕާއި މަސްތުގެ ވަބާތަކުން ސަލާމަތްކުރެވިފައިވާ މުޖުތަމަޢުތަކަކަށް ހަދަންޖެހޭ ކަމަށެވެ. އަދި ޞިއްޙީ ގޮތުން ޒުވާނުންނާއި އާންމުން ސަލާމަތްތެރިކަމާއެކު ތިބެގެން މެނުވީ ޙަޤީޤަތުގައި ޤައުމަށްވެސް ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޙަޤީޤީ ތަރައްޤީއަކީ ލޮލަށް ފެނި، އަތުން ހިފޭ ތަރައްޤީ އެކަނި ނޫންކަމަށާއި، މައުނަވީ ތަރައްޤީއެއް ލިބެން އޮތީ ޢުމްރާނީ ތަރައްޤީއާއެކު، ލޮލަށް ނުފެންނަ، ފިކުރީ، އިންސާނީ ތަރައްޤީވެސް ހާސިލުކުރެވިގެން ކަމުގައެވެ.
މުޖުތަމަޢުގައި ފެތުރިފައި އޮތް ނުރަނގަޅު އާދަތަކުން ސަލާމަތްވެވެން އޮތީ ޢަޒުމާއެކު މަސައްކަތްކޮށްގެން ކަމަށް ވިދާޅުވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބަޔަކު ކުށްވެރި ކުރުމަކީ އަދުގެ ސަރުކާރުން އެދޭ ގޮތް ނޫން ކަމަށެވެ. ނަމަވެސް ނުބައި ނިޔަތުގައި އެފަދަ ވަބާތައް ފަތުރާ ފަރާތްތަކަށް ޙައްޤު ޢަދަބު ލިބެންޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ކަންކަން ޙައްލުކުރުމަށް އެންމެން އެކަތިގަނޑަކަށްވެ، ޤައުމީ ވިސްނުމެއްގައި އަތުކުރި އޮޅާލުމަށް ގޮވާލައްވާފައެވެ. އަދި އެމަނިކުފާނުގެ ކުރިފުޅުމަތީގައި ކޮންމެ ރައްޔިތަކީވެސް ހަމަހަމަ ރައްޔިތެއް ކަމަށްވެސް ރައްޔިތުންނަށް ޔަޤީންކޮށްދެއްވިއެވެ.
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް އިޞްލާޙު ގެންނަވައި، ނޮވެމްބަރ 13 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި ބިލުން، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން، ޑިސެމްބަރ 15، 2024 އިން ފަށައިގެން މަނާވީއެވެ.