ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ (ސީ.އައި.ޑީ.ސީ.އޭ) އިން އިންތިޒާމްކޮށްގެން ބޭއްވި ރަސްމީ ޖާފަތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ.

މި ޖާފަތަކީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ މެހެމާނުންގެ ޝަރަފުގައި ބޭއްވުނު ޖާފަތެކެވެ. މި ޖާފަތުގައި ސީ.އައި.ޑީ.ސީ.އޭގެ ޗެއާމަން ލުއޯ ޒާއޮހުއި އާއި ޔުނާން ޕްރޮވިންސްގެ ގަވަނަރު ވަންގް ޔޫބޮ ވާހަކަފުޅު ދެއްކެވިއެވެ. އަދި ޗައިނާގެ ސަގާފީ ހަރަކާތްތަކެއް ވެސް ހުށަހަޅާފައިވެއެވެ.

ފޯރަމްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ. މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީ ހިމެނޭ ގޮތަށް ނޫ އިޤްތިޞާދުގެ އެކި ކަންކަމަށް ސަމާލުކަންދީގެން، ޗައިނާއާއި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމެވެ.