އދ. އޮމަދޫ ރައްޔިތުންގެ ތަރައްގީއަށްޓަކައި، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

އެ މަނިކުފާނު މި ޔަގީންކަން ދެއްވީ، އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް އިއްޔެ ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު އޮމަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ އެންމެ މުހިންމު ކަމަކަށް އޮތީ އޮމަދޫގެ ބަނދަރުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވުން ކަމަށެވެ. ނިމިގެން ދިޔަ އަހަރަކީ، އެކި ސަބަބުތަކާ ހެދި މިފަދަ އެތައް ކަމަކަށް ޙައްލު ހޯއްދަވައި ނުދެއްވި ދިޔަ އަހަރެއް ކަމަށާ، މައިގަނޑު ސަބަބަކީ ބަޖެޓްގެ ދަތިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް ކުރިއަށް އޮތް 2025 ވަނަ އަހަރަކީ ތަފާތު އަހަރަކަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބިދެނިވި ފަދަ ގޮތަކަށް، ފުރިހަމަ ބަނދަރެއް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން، އޮމަދޫގެ ރައްޔިތުންނަށް އެމަނިކުފާނު ދެއްވިއެވެ.

ހަމަމިއާއެކު އެރަށަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށް އަމަލީ ސިފައެއްގައި ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ބަނދަރާއި، ގިރާ ސަރަޙައްދުގެ މަޝްރޫޢުގައި ސޮއި ކުރެވިފައި އޮތް ނަމަވެސް، ޢަމަލީ މަސައްކަތެއް ކުރެވިފައި ނެތްކަން ފާހަގަކުރައްވައި ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، 2025 ވަނަ އަހަރު، މި 2 މަޝްރޫއުގެ އަމަލީ މަސައްކަތް، އަހަރުގެ ވީހާވެސް ކުރީކޮޅުގައި ފައްޓަވައިގެން، ކުރިއަށް ގެންދަވާނެކަމަށެވެ.

2025 ވަނަ އަހަރު ހިންގަން ކަނޑައަޅުއްވާފައިވާ އައު މަޝްރޫޢުތަކުގެ އުސޫލުގައި އިސްކަން ދެނިވި ތަރުތީބުން، އެރަށުގެ ތައުލީމާއި ސިއްހީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާއިންވެސް ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށް ގެންދަވާނެކަމުގެ އުފާވެރި ހަބަރު އެ މަނިކުފާނު ވަނީ ދެއްވާފައެވެ. ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލާއި، ކުލާސްރޫމްތަކުގެ އިތުރުން، ސިއްހީ މަރުކަޒަށް ބޭނުންވާ އިތުރު ޖާގައާ ވަސީލަތްތައް، 2025 ވަނަ އަހަރު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ކުޅިވަރުގެ ރޮނގުން، 2025 ވަނަ އަހަރު، އަންހެން ބޭފުޅުންނަށް ހާއްސަ ހޭންޑްބޯލް ކޯޓެއްވެސް ތަރައްގީކޮށްދެއްވާނެ ކަމަށާ، ފުޓުބޯޅަދަނޑުގެ މަސައްކަތްތައްވެސް ކުރައްވާނެ ކަމަށާއި މުޅި ރާއްޖެއަށް ދިމާވެފައި އޮތް ކުނީގެ މައްސަލައަށް ވަށާޖެހެނިވި ޙައްލެއް ހޯއްދަވައިދެއްވުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ކުނި މެނޭޖު ކުރުމަށް އޮމަދޫގައި މަރުކަޒެއް ގާއިމުކޮށްފައި ހުރިއިރު، އެތަނަށް ބޭނުންވާ ތަކެތި ހޯދަން ޖެހިފައިވާކަމަށާ، އެކަންތައްވެސް ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި އަންނަ އަހަރު ވެގެން ދާނީ ނަތީޖާ ނެރެދެއްވުމުގެ އަމަލީ މަސައްކަތްތައް ފެށިގެންދާ އަހަރަށް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

އޮމަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ، އެ ރަށުގެ ހެލްތު ސެންޓަރަށް ޒިޔާރަތް ކުރައްވައި، އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. އަދި މި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ ހެލްތު ސެންޓަރުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ހާލަތު އޮޅުންފިލުއްވާފައެވެ. މީގެ އިތުރުން ރައީސް އެރަށު ބަނދަރު ސަރަހައްދަށް ވަޑައިގެން، އެ ރަށުގެ ބަނދަރު އޮތް ޙާލަތު ވަރަށް ގާތުން ބައްލަވާލައްވައިފައެވެ.