އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ން އިޒްރޭލާ ދެކޮޅަށް ޖަރީމާތައް ހިންގާ ކަމަށް ބޮޑު ވަޒީރު ބެންޔާމީން ނަތަންޔާހޫ ތުހުމަތު ކުރައްވައިފިއެވެ. އޭނާ ވިދާޅުވީ އިޒްރޭލުގެ އަޚްލާގު ރަނގަޅު ސިފައިންނާ ދެކޮޅަށް އިންޓަރނޭޝަނަލް ކރިމިނަލް ކޯޓުން ކުރާ މަސައްކަތް އޭނާ ސިފަ ކުރެއްވީ ޓެރަރިސްޓުން ހިންގާފަދަ އަމަލުތަކެއް ހިންގުން ފަދަ ކަމެއް ކަމަށެވެ. އަދި ސޫރިޔާއާއި އީރާނުން ހންގާ އިންސާނިއްޔަތާ ދެކޮޅު އަމަލުތައް އައިސީސީން ތަހުގީގު ނުކުރަނީ ކީއްވެގެން ތޯ އޭނާ ވަނީ ސުއާލު އުފައްދަވާފައެވެ.

ފާތޫ ބެންސޫޑާ

އައިސީސީގެ ޕްރޮސެކިއުޓަރު ފާތޫ ބެންސޫޑާ ވަނީ ފަސް އަހަރު ވަންދެން ހިންގި ތަހުގީގަކަށްފަހު އިޒްރޭލާ ދެކޮޅަށް، ފަލަސްތީނުގައި އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހިންގަނީ ކަމަށް ތުހުމަތު ކުރައްވައި ދައުވާ ކުރުމަށް ތައްޔާރު ކުރައްވާފައެވެ.

އިޒްރޭލާއި އެމެރިކާއިން ވަނީ މިކަން ކުށްވެރިކޮށްފައެވެ.

ބެންސޫޑާއަކީ ގެމްބިއާގެ ކުރީގެ ޖަސްޓިސް މިނިސްޓަރ އަދި އެޓަރނީ ޖެނެރަލް ކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ބެންސޫޑާއަކީ އެމެރިކާއަށް ވަނުން މަނާކޮށްފައިވާ ލިސްޓްގައި އޮންނަ ބޭފުޅެކެވެ. އިޒްރޭލުގު ހަނގުރާމައިގެ ޖަރީމާތައް ތަހުގީގުކުރުމުގެ މަސައްކަތާއެކު އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ވަނީ އޭނާ އެމެރިކާއަށް ވަނުން މަނާ ކުރައްވާފައެވެ.