ސީރިޔާގެ ގޯލަން ހައިޓްސްގައި އިސްރާއީލުން ވަޒަންވެރިވުމަށް ކުރަމުންގެންދާ މަސައްކަތްތައް ފުޅާކުރުމަށް އިސްރާއީލު ސަރުކާރުން ނިންމާފައިވާ ނިންމުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ނިންމުމަކީ ބައިނަލްއަޤްވާމީ އެންމެހައި ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އަދި މި ސަރަހައްދުގައި ޞުލްޙަ ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތި ކުރުވާނެ ނިންމުމެއް ކަމުގައެވެ.

ސަރުކާރުން އިތުރަށް ބުނެފައިވަނީ، ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ސީރިޔާގެ ގޯލަން ހައިޓްސްގެ ބިންތަކަށް ނުޙައްޤުން ވެރިވެގަތުމަށް އިސްރާއީލުން ހިންގަމުންގެންދާ ޖަރީމާތައް ހުއްޓުވުމަށާއި، އިސްރާއީލުން ސީރިޔާއަށް ދެމުންގެންދާ ޢުދުވާނީ ޙަމަލާތައް ނިމުމަކަށް ގެނައުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

މީގެއިތުރުން، 1967 ވަނަ އަހަރުން ފެށިގެން ސީރިޔާގެ ގޯލަން ހިފާފައިވާކަން ފާހަގަކޮށް، އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު 497 (1981) ފަދަ ކަމާގުޅޭ ޤަރާރުތަކަށް ޢަމަލުކުރުމަށް އިސްރާއީލަށް އިލްތިމާސްކޮށްފައިވެއެވެ.

ދިވެހި ސަރުކާރުން އަދި ބުނެފައިވަނީ ސީރިއާގެ މިނިވަންކަމާއި، ސިޔާދަތާއި، ސަރަޙައްދީ ސަލާމަތަށް ތާއީދުކުރުމުގައި ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށާއި، ސީރިޔާގެ ރައްޔިތުންގެ އުންމީދުތައް ޙާޞިލްވާނެ ގޮތަށް، އެ ޤައުމުގައި ސުލްޙައާއި، ސަލާމަތާއި، އިސްތިޤްލާލު ޤާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.