ސިއްޙީ ވުޒާރާއިން ވަނީ 2025 ވަނަ އަހަރުގެ ނިޔަލަށް އެޗްއައިވީ ފަދަ ބަލިތައް ވާރުތަވުން ނައްތާލެވިފައިވާ ގައުމަކަށް ރާއްޖެ ހެދުމުގެ އަމާޒު ކަނޑައަޅައިފައެވެ.
މިކަން ހާމަކުރެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޡިމް އިބްރާހިމް، މިއަދު ބޭއްވުނު ދުނިޔޭގެ އެއިޑްސް ދުވަހުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި، އަންނަ އަހަރު ނިމުމުގެ ކުރިން، މައިމީހާގެ ފަރާތުން އެޗް.އައި.ވީ ފަދަ ބަލިތައް ވާރުތަވުން ނައްތާލެވިފައިވާ ޤައުމަކަށް ރާއްޖެ ހެދުމުގެ އަމާޒަށް މަސައްކަތްކުރުމަށް ގެންދާ ކަމަށެވެ. އަދި މިއީ ސަރުކާރުގެ އަމާޒެއް ކަމަށާއި، ޞިއްޚީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތެއް ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގައި، ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ ގާބޫލުކުރާ ފެންވަރަށް ރާއްޖޭގައި މި ބަލި ނައްތާލެވިފައިވާ ޤައުމަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އެއިޑްސްފަދަ ބަލިތަކަށް ފަރުވާ ދިނުމަށް ތިން ގައިޑްލައިނެއް ވެސް އިފްތިތާޙްކޮށްފައިވެއެވެ. އެއީ "ނޭޗަނަލް ގައިޑްލައިންސް އޮން އެޗް.އައި.ވީ، ވައިރަލް ހެޕަޓައިޓިސް ސެކްޝުއަލީ ޓްރާންސްމިޓެޑް އިންފެކްޝަންސް" ގައިޑްލައިނެވެ. މި ގައިޑްލައިން އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި، މި ގައިޑްލައިންގެ ސަބަބުން އެފަދަ ބަލިތައް ޖެހިފައިވާ މީހުންނަށް ދޭންޖެހޭ ރައްކާތެރިކަމާއި އޯގާތެރިކަމާއި އަޅާލުން ނިޒާމުގެ ތެރެއިން ދެމުންގެންދާކަން ސިއްޙީ ދާއިރާއިން ކަށަވަރުކުރައްވާނެ ކަމަށެވެ.