"އިސެސްކޯ-މޯލްޑިވްސް ޓްރެއިނިންގ އޮފް ޓްރެއިނާރސް ވޯކްޝޮޕް އޮން ކްލައިމެޓް ސްމާރޓް އެންޑް ގްރީނިންގ އެޑިޔުކޭޝަން އިން މޯލްޑިވިއަން ސްކޫލްސް" ގެ ނަމުގައި ކުރިއަށްދިޔަ ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
2 ދުވަހުގެ މުއްދަތަކަށް ސީ.އެޗް.އެސް.އީ-މާލޭގެ ހޯލުގައި ކުރިއަށްދިޔަ މި ޓީއޯޓީގައި ރާއްޖޭގެ އެކި ސްކޫލުތަކުން 70 އަށް ވުރެ ގިނަ ޓީޗަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނާއި އިސްލާމިކް ވޯލްޑް އެޑިޔުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އިސެސްކޯ) ގުޅިގެން ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގެ މަގުސަދަކީ ސްކޫލު މާހައުލުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން މުޅި މުޖުތަމައު ތިމާވެއްޓަށް އަހުލުވެރިކުރުވާ، ތިމާވެއްޓާ ގުޅޭ ތައުލީމު ފޯރުކޮށްދިނުމަށް މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމެވެ.
މި ވޯކްޝޮޕްގައި ފެހި މަދަރުސާ ފްރޭމްވޯކާއި އޭގެ ދަށުން ސްކޫލުތަކުގައި ކުރިއަށްގެންދެވޭ ހަރަކާތްތަކާ ގުޅޭ މައުލޫމާތު ބައިވެރިންނާ ހިއްސާކޮށްފައިވެއެވެ. އަދި އިސެސްކޯގެ ގްރީނިންގ އެޑިޔުކޭޝަން ފްރޭމްވޯކާ ގުޅޭގޮތުން އިސެސްކޯގެ އެޑިޔުކޭޝަން އެކްސްޕާޓެއް ކަމަށްވާ ވަގަސް ނާސިރު އަފްރިދީ ވަނީ ހާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ކޭމްބްރިޖްގެ ފަރާތުން "ޕިލަރސް އޮފް ގްރީނިންގ އެޑިޔުކޭޝަން" ސެޝަނެއްގެ އިތުރުން، ސޮނެވާ ނަމޫނާ އަދި މޯލްޑިވްސް ރެސިލިއެންޓް ރީފްސްއިން ވަނީ ތިމާވެއްޓަށް އަހުލުވެރިކުރުވުމަށް އެ އެންޖީއޯތަކުން ކުރަމުންދާ މަސައްކަތްތައް ހިއްސާކޮށްފައެވެ.
މި ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ސްޓޭޓް މިނިސްޓަރ ޑރ. އަޙުމަދު މުޙައްމަދު ވަނީ އުނގެނުމާއި އުނގަންނައިދިނުމުގެ އިތުރުން ސްކޫލުގެ މާހައުލުގެ ތެރޭގައިވެސް ތިމާވެއްޓަށް އަހުލުވެރިކުރުވުމާއި ދެމެހެއްޓެނިވި އާދަތަކާ ގުޅޭ މަފްހޫމްތައް އިންޓަގްރޭޓްކޮށް، އެންމެން ގުޅިގެން މި މަސައްކަތްކުރިއަށް ގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ.