ނެޝަނަލް ކޮމިޓީ އޮފް ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއަރމަން ވާންގް ޔޮންގް އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) ގެ ޗެއާމަން ލުއޯ ޖާއޮހުއެއި އާއި ސީޕީޕީސީސީ ޔުނާން ސެންޓްރަލް ޕްރޮވިންސް ކޮމިޓީގެ ޗެއާމަން ލިއު ސިއާއޮކައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ދެމެހެއްޓެނިވި ތަރައްގީ ހިމެނޭ ގޮތަށް ނޫ އިގުތިސާދެއް ތަރައްގީކުރުމާއި، ތިމާވެށި ރައްކާތެރިކުރުމާއި، ކަނޑުތައް ހިމާޔަތްކުރުމާއި، މޫސުމީ ބަދަލުގެ ރޮނގުން އެއްބާރުލުން ދިނުމާއި ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. އަދި، ފަތުރުވެރިކަމާއި، މަތީ ތައުލީމާއި، އުމްރާނީ ތަރައްގީގެ އިތުރުން، ދެގައުމުގެ މެދުގައި ވެވޭ މަތީ ފެންވަރުގެ އެއްބަސްވުންތަކާމެދުވެސް މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ލީޑަރުން ވަނީ ޗައިނާ އާއި ދިވެހިރާއްޖެއާއި ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.
ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) އިން އިންތިޒާމްކޮށްގެން ބާއްވާ މި ފޯރަމްގެ މަގުސަދަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީ ހިމެނޭ ގޮތަށް ނޫ އިގްތިސާދުގެ އެކި ކަންކަމަށް ސަމާލުކަންދީގެން، ޗައިނާއާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމެވެ.