ރަޝިޔާގެ އިންޓަރކޮންޓިނެންޓަލް ބެލަސްޓިކް މިސައިލްސް (އައިސީބީއެމްއެސް) ދުނިޔޭގެ ކޮންމެ ތަނަކަށްވެސް ފޯރާނެކަމަށްބުނެ ރަޝިޔާއިން އެމެރިކާ އާއި ހުޅަނގަށް އިންޒާރު ދީފިއެވެ.
ރަޝިޔާގެ ބެލަސްޓިކް މިސައިލްތައް ދުނިޔޭގެ ކޮންމެ ތަނަކަށްވެސް ފޯރާނެކަމަށް ވިދާޅުވެ ހުޅަނގަށް ރަޝިޔާގެ ބާރު ހަނދާންކޮށްދެއްވީ ރަޝިޔާގެ ސްޓްރެޓެޖިކް މިސައިލް ފޯސްގެ ކޮމާންޑަރު ކާނަލް ޖެނެރަލް ސާގޭ ކަރަކާޔޭވްއެވެ.
ކާނަލް ޖެނެރަކް ސާގޭ ވިދާޅުވީ މެކްސިމަމް ރޭންޖުގެ ބެލަސްޓިކް މިސައިލުތައް ޕެސިކް ކަނޑުގައި ބޭނުން ކުރެވޭނެ ފެންވަރަށް ރަޝިޔާއިން ތަރައްގީ ކުރީ އެގައުމުގެ ދިފާއީ ޓެކްނިކަލް އަދި ޓެކްޓިކަލް މަގްސަދުތަކަށް ބެލުމަށްފަހު ކަމަށެވެ. މީގެ އިތުރުން ކާނަލް ޖެނެރަކް ސާގޭ ވިދާޅުވީ ރަޝިޔާގެ އަސްކަރިއްޔާގައި މިވަގުތު ހުރި %88 މިސައިލަކީ ޒަމާނީ ކޮށްފައިވާ މިސައިލުތައް ކަމަށެވެ. މާނައަކީ ސޯވިއެޓް ޔޫނިއަންގެ ދުވަސްވަރު އުފައްދާފައިވާ "މުސްކުޅި މިސައިލްތައް" ރަޝިޔާއިން ދޫކޮށްލާފައިވުމެވެ.
ރަޝިޔާގެ މިސައިލު ނިޒާމާމެދު އެމެރިކާ އާއި ހުޅަނގަށް ވިސްނަން މަޖުބޫރުވީ، މިދިޔަ ނޮވެމްބަރު މަހު ޔޫކްރައިނަށް ހަމަލާދިނުމަށް ރަޝިޔާގެ އަމިއްލަ އުފެއްދުމެއް ކަމުގައިވާ "އޮރެޝްނިކް ބެލަސްޓިކް މިސައިލް" ބޭނުން ކުރުމުންނެވެ. ނިއުކްލިއަރ ވަރހެޑް އުފުލުމުގެ ގާބިލްކަން ހުރި މި މިސައިލުން ޔޫކްރައިނަށް ރަޝިޔާއިން ދިން ހަމަލާއަކީ، އެމެރިކާ އާއި ހުޅަނގުން ފޯރުކޮށްދިން ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާގެ ފުނަށް ހަމަލާދޭން މަސައްކަތް ކުރުމުން އެކަމުގެ އަދަބެއް ގޮތުން ދިން ހަމަލާއެއް ކަމަށް ރަޝިޔާއިން ބުނެއެވެ.
ރަޝިޔާއާ ދިމާކޮށް، އެގައުމު އިނދަޖައްސާލުމަކީ އެމެރިކާ އާއި ހުޅަނގުން ރާވައިގެން ކުޅެމުން އަންނަ ކުޅިގަނޑެކެވެ. މަގްސަދަކީ ރަޝިޔާ އާއި އިރުމަތީ ޔޫރަޕަށް އަތްގަދަ ކުރުމެވެ. ދެވަނަ ބޮޑު ހަނގުރާމައިގައިވެސް އޭރުގެ ޖަރުމަނަނާއި ޖަރުމަނާ ގުޅިފައި އޮތް ކޯލިޝަނުގެ އެންމެ ވަރުގަދަ އަމާޒަކަށްވެފައި އޮތީ ރަަޝިޔާ އަތްދަށުލުމެވެ. ނަތީޖާއަކީ ދެވަނަ ބޮޑު ހަނގުރާމައިގައި މުޅި ދުނިޔެއިން 60 މިލިޔަނެއްހައި މީހުން މަރުވިއިރު، މީގެ ތެރެއިން 20 މިލިޔަން މީހުން މަރުވީ ރަޝިޔާއިން ކަމުގައިވުމެވެ.