ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އަލުން އިއުލާނު ކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކުރިން އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ކުރިމަތިލާ އަދި ކޮމިޝަނުން އޮފިޝަލުންގެ ގޮތުގައި ހޮވުނުކަން އަންގާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

އަދި ބޭނުންވާ އަދަދަށް އޮފިޝަލުން ނުލިބޭނަމަ އޮފިޝަލުން ހަމަވަންދެން ފޯމު ބަލައިގަންނާނެ ކަމަށް އީސީން މައުލޫމާތުދީފައިވެއެވެ.

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 18 އަހަރު ވެފައިވާ އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ވެގެން ނުވާނެ ކަމަށް އީސީން މައުލޫމާތުދެއެވެ. އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުމާއި އޮފިޝަލަކަށްވުމަށް އެދި ފޯމު ހުށަހެޅި ދާއިރާ، ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ވެސް ވެގެން ނުވާނެ ކަމަށް އިއުލާނުގައި ވެއެވެ.