ތ. ހިރިލަންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމަހު 14 ވަނަ ދުވަހު ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަންގައި ތ. ހިރިލަންދޫ / ޗަމަން، އަޙްމަދު ސިނާނު (37އ) އާއި މާލެ، ހ.ސީރީނު ވިލާ، މުޙައްމަދު މާހިން (37އ) ވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އެމީހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 2 ރަބަރު ޕެކެޓު ފެނިފައިވާ މައްސަލައާ ގުޅިގެން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އަޙްމަދު ސިނާނު ބަންދާމެދު ގޮތެއް ނިންމުމަށް ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ