މިއަދުވެސް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށާއި ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސް ކޮށްފިއެވެ.

މެޓުން މިހެން ބުނެފައިވަނީ މިއަދުގެ މޫސުން ލަފާކުރައްވާ އެ އިދާރާއިގެ ވައިބަރ ގްރޫޕަށް ހިއްސާކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި މެޓުން އިތުރަށް ބުނެފައިވަނީ ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެެ.

މީގެއިތުރުން ހުޅަނގު ދެކުނާއި ހުޅަނގު،ން އުތުރުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދު ބާރުމިނުގައި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.

މެދުރާއްޖޭތެރެއާއި ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓުން ބުންޏެވެ.

އަދި އުތުރުގެ ކަނޑުތަކުގެ ރާޅު އުސްމިން ހުންނާނީ 3 ފޫޓާއި 5 ދެމެދުގައި ކަމަށާއި. އަދި ދެކުނާއި މެދުރާއްޖެތެރޭގެ ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.