ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެފައިވާތީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި ބޯޑުގެ ހުރިހާ މެމްބަރުން މަސައްކަތްތަކުން އެކަހެރިކޮށް މުއްދަތެއް ނެތް ގޮތަށް މިއަދު ސަސްޕެންޑްކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ހެނދުނު ނެރެފައިވާ ބަޔާނެއްގައި ބުނީ ގޯތިތަކުގެ މައްސަލައިގައި ފުލުހުން ފަށާފައިވާ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީގެ އެމްޑީ ފަޒުލް އާއި ބޯޑުގެ ހުރިހާ މެމްބަރުން މިއަދުން ފެށިގެން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އެކަމަކު އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފް ސަސްޕެންޑް ކޮށްފައެއް ނުވެއެވެ.
އެޗްޑީސީ ޑިރެކްޓަރުން ބޯޑުގައި ތިއްބަވާ ބޭފުޅުން:
▪️ އަޒްހާރު އަބްދުﷲ ސައީދު
▪️ އިބްރާހިމް ޔޫސުފް ފުޅު
▪️ މުހައްމަދު ވިޝާމް
▪️ އުލާ މުހައްމަދު ރަޝީދު
▪️ އާރިފް އަބްދުއްސަމަދު
▪️ މުހައްމަދު ނާޖިލް
▪️ މުހައްމަދު ވަހީދު
▪️ ފާތިމަތު މިޒްނާ އަލީ
▪️ ޔޫސުފް ވަހީދު
ބިންވެރިޔާ ސްކީމުގައި ނުހިމެނޭ ފަރާތްތަކަށް ގޯތި ދީފައިވާ މައްސަލަ ފެންމަތިވެފައިވާތީ، އެކަމާ ކަންޑޮޑުވުން ފާޅުކޮށް އާންމު ރައްޔިތުން ރޭ ވަނީ އެޗްޑީސީ މައި އޮފީސް ދޮށުގައި ރޭ ހިތްހަމަ ނުޖެހުމުގެ ޝުއޫރުތައް ފާޅުކޮށްފައެވެ.