ކުށްތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނާއި ބ. އަތޮޅު ތަޢުލީމީ މަރުކަޒު ގުޅިގެން މިމަހުގެ 20 ވަނަ ދުވަހު އެމަރުކަޒުގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި ކުށްތަކަކީ ކޮބައިކަމާއި ކުށްތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އެގޮތުން، ކުށްތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން ގިނަ ވަގުތު ގެއިން ބޭރުގައި ބޭކާރު ގޮތުގައި ވަގުތު ހޭދަނުކުރުމަށާއި ގޮތް ނޭނގޭ މީހުންނާ ވާހަކަ ނުދެއްކުމަށާއި ރަހުމަތްތެރިން އިހުތިޔާރުކުރުމުގައި ވިސްނަންވީ ކަންކަމާ ގުޅޭގޮތުން ނަސާހަތްތެރިވެފައިވާ ކަމަށާއި އަދި މައިންބަފައިންނާއި ޓީޗަރުންގެ ބަސް ގަބޫލުކޮށް ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރުމަށާއި މުއާމަލާތްކުރުމުގައި އެއް ކުއްޖަކު އަނެއް ކުއްޖަކަށް އިހުތިރާމްކުރުމަށް ނަސޭހަތްތެރިވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން މި ސެޝަންގައި ވަނީ އިންޓަރނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާއި އެކުށްތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި އިންޓަރނެޓް ބޭނުންކުރުމުގައި ދަރިވަރުން ސަމާލުކަން ދޭންވީ ކަންކަމާއި އިންޓަރނެޓް ބޭނުންކުރާއިރު ނުރައްކަލެއް ދިމާވެއްޖެނަމަ އެފަދަ ކަމަކުން ރައްކާތެރިވުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާއި އެފަދަ ހާލަތެއްގައި އަމަލުކުރަންވީ ގޮތްތަކާ ގުޅޭގޮތުންވެސް މަަޢުލޫމާތު ދީފައިވެއެވެ.
މި ސެޝަނުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 7 އިން ފެށިގެން ގްރޭޑް 10 އާ ދެމެދު ގްރޭޑްތަކުގައި ތަޢުލީމު ހާސިލްކުރަމުންދާ 145 ދަރިވަރުން ބައިވެރިވެފައިވެއެވެ.