އިންޑިއާގެ ދަރްޖީލިންގައި ބޯކޮށް ވާރޭ ވެހުމާ ގުޅިގެން ސައިފަތުގެ މަތިވަރަށް ގެއްލުން ލިބުމުގެ ސަބަބުން ނޭޕާލް ސައިފަތުގެ އަގު އިންޑިއާގައި ބޮޑު ވެގެން ހިނގައްޖެއެވެ.

ފުރަބަންދުގެ ކުރިން އިންޑިއާގައި ސައިފަތް ކިލޯއެއް އުޅުނީ 200 ރުޕީސްގައެވެ. މިހާރު އަގު ވަނީ ދެގުނައަށް ބޮޑު ވެގެން ގޮސްފައެވެ.

ނުހިއްކައި ހުންނަ ރޯ ސައިފަތުގެ ކިލޯއެއްގެ އަގު ކުރިން އުޅުނީ 10 ރުޕީސް އަށެވެ. މިހާރު ރޯ ފަތުގެ އަގު އުޅެނީ ކިލޯއަށް 50 ރުޕީސް އަށެވެ.

އިންޑިއާގެ ސައިފަތުގެ ވިޔަފާރީގެ ދާއިރާއިން ބުނާ ގޮތުގައި ސައިފަތް ބޭނުންކުރާ ނިސްބަތް ވެސް ވަނީ ފުރަބަންދާ ގުޅިގެން އިތުރު ވެފައެވެ.

އިންޑިއާގެ ބާޒާރަށް ނޭޕާލުން 147 ކުރޯޑް ރުޕީސްގެ ސައިފަތް އެކްސްޕޯޓްކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.