ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ އެކްސަސައިޒް "ރަންނަމާރި ހަންޓް 2024" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެކްސަސައިޒް ނިންމުމުގެ ގޮތުން ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެކްސަސައިޒްގައި ބައިވެރިވި ފަރާތްތަކަށް ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާޙީމް ހިލްމީ ކަމަށެވެ.

އެމްއެންޑީއެފް ސަރވިސްތަކުގެ މެދުގައި އޮޕަރޭޝަންތައް ހިންގުމުގައި ޖޮއިންޓްނެސް ވަރުގަދަ ކުރުމާއި އަދި ޖޮއިންޓް ޕްލޭނިންއަށް އަހުލުވެރި ކުރުވުމުގެ ގޮތުން، ޖޮއިންޓް ޕްލޭނިންގ ޕްރޮސެސް (ޖޭޕީޕީ) ކިޔަވައިދީ، އަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ މި އެކްސަސައިޒްގެ ބައިވެރީން ވަނީ، މިއަދު ކުރިއަށްދިޔަ ރަންނަމާރި ހަންޓްގެ ކަލްމިނޭޝަންގައި، ކަނޑައެޅިފައިވާ ސިނާރިއޯއަށް، ޖޮއިންޓް ޕްލޭނިންގ ޕްރޮސެސްގެ ބައިތައް ބޭނުންކޮށްގެން އޮޕަރޭޝަން އޯޑަރ ތައްޔާރުކޮށް، ކޮމާންޑަރަށް ހުށަހަޅައިދީފައެވެ.

މި އެކްސަސައިޒް ނިންމުމުގެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ގިޔާސްއާއި، އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނާއި، އެކްސަސައިޒްގެ އޮބްޒަރވަރުން ބައިވެރިވެލެއްވިއެވެ.

މި މަހުގެ 8 އިން 22 އަށް ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ކުރިއަށްދިޔަ މި އެކްސަސައިޒްގައި، އެމްއެންޑީއެފް ހުރިހާ ކޯރތަކެއް ހިމެނޭ ގޮތުން 39 ސިފައިން ބައިވެރިވެފައިވެއެވެ.