ދުވަސްވަރަކީ ރާއްޖެއަށް އިންޓަރނެޓު ތަޢާރަފްވެ، ހޮޓާތަކަށް އޮންލައިންކޮށް ރިޒަވޭޝަން ހަދަން ފެށި ދުވަސްވަރެވެ.

މި ދުވަސްވަރު ވިޔަފާރިވެރިޔަކު ރާއްޖެއިން ބޭރަށްދާން ބުކިން ޑޮޓްކޮމްއަށް ވަދެ އެދާން އުޅޭ ގައުމުގެ ހޮޓަލަކުން ކޮޓަރި އެއް ބުކްކޮށް ފިއެވެ. އޭނާއަށް ލިބުނީ ވަރަށްރީތި ކޮޓަރިއެކެވެ. ފޮޓޯތަކުން އެކަން ވަރަށް ރަނގަޅަށް އެނގެއެވެ. ފާޚާނާ ވެސް ވަރަށް ސާފުވެފައި ނަލަ އެވެ. ބާތުޓަބު ވެސް ރީތިވެފައި ސާފެވެ. ވިޔަފާރިވެރިޔާ ކޮޓަރި ނެގީ "ބެޑް އެންޑް ބްރެކްފާސްޓް" އާ އެކީގައެވެ.

ވިޔަފާރި ވެރިޔާ ދަތުރު ފަށައިފިއެވެ. އެގައުމުގެ އެއާޕޯޓަށް ގޮސް އެތަނުގެ އިމިގްރޭޝަން ކަންކަމުން އަވަދިވެގެން ހޮޓަލަށް ހިނގައްޖެއެވެ. ދިޔައީ ޓެކްސީއެއްގައެވެ.

ހޮޓަލުގެ ރިސެޕްޝަނަށް ގޮސް އެތަނުން ކޮޓަރީގެ ކާޑު ހޯދައިގެން ކޮޓަރިއަށް ހިނގައްޖެއެވެ. ކޮޓަރިއަށް ދިޔައިރު އޭނާގެ ލަގެޖުވެސް ވެސް ކޮޓަރީއަށް ވައްދާފައި ހުއްޓެވެ. ކޮޓަރިއަށް ވަންއިރު އޭނާ ހުރީ ވަރަށްބޮޑަށް ހާޖަތަކަށްދާން ބޭނުންވެފައެވެ. އެހެންކަމުން ފާޚާނާ އަށް ވަދެ އެތަންމިތަން ހޯދާލިއެވެ. ފާޚާނާ ތަށިގަނޑު ފެނޭތޯއެވެ. ފާޚާނާ ވަރަށް ރީއްޗެވެ. ފެން ވަރަން ވަކިން ބައެއް ހުއްޓެވެ. ޝަވަރުތައް ވެސް ހަރުކޮށްފައެވެ. ބާތުޓަބު ވެސް ބޮޑުވެފައި ސާފެވެ. ނަމަވެސް ފާޚާނާ ތައްޓެއް ނެތެވެ. ވިޔަފާރި ވެރިޔާ ވަރަށް ކަންބޮޑު ވެއްޖެއެވެ. ފާޚާނާއަށް ދާންވެގެން ނުތަންވަޅު ވެފައިހުރި މީހަކަށް ތަށި ނުފެނުމުން މުޅި މީހާ ދާހިއްލައި ފޯވިއެވެ. މާޔޫސް ވިއެވެ. ބޮޑުއަގުގައި މިފަދަ ކޮޓަރިއެއް ނެގުނު މޮޔަ ހީވިއެވެ.

އެންމެފަހުން ރިސެޕްޝަނަށް ދާން ތިރި އަށް ހިނގައްޖެއެވެ. އެތަނަށް ދިޔަސް އޭނާ ހުރީ ކެތްކުރެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. ކުއްލިއަކަށް ލޮބީގައިހުރި ފާޚާނާއެއް ފެނިއްޖެއެވެ. ބަނޑުގައި އަތް އަޅައިގެން ގުދަށް އޮވެ ބާރަށްގޮސް އެ ފާޚާނާއަށް ވަދެއްޖެއެވެ.

ފާޚާނާކޮށް ނިމިގެން ބަލާލިއިރު ކަމަކުދާކަން ނެތެވެ. އަޅުގަނޑުމެން މިކިޔާ މުސްލިމް ޝަވަރު ނެތެވެ. ޠާހިރު ވެވޭނެ އެއްވެސް ގޮތެއްނެތެވެ. އެންމެފަހުން ފާޚާނާތެރޭގައި އަޅުވާފައި އޮތް ޓިޝޫ ރޯލު ފެނިއްޖެއެވެ. ފާޑަކަށް އަރިޔަކަށް އޮވެ އެނަގައިފިއެވެ. އަދި ފުލަޝް ޓޭންކުގެ މަތި ނަގައިން ޓޭންކު ތެރެއަށް ޓިޝޫތައް ލައި ތެންމާލިއެވެ. އަދި އެއިން ޠާހިރުވެވެން އޮތް އެންމެ ރަނގަޅަކަށް ޠާހިރުވެގެން ނުކުމެއްޖެއެވެ.

ފާޚާނާއިން ނުކުމެގެން އެދިޔަގޮތަށްގޮސް ރިސެޕްޝަނުގައި ޝަކުވާ އުފުލައިފިއެވެ. އޭނާގެ ކޮޓަރީގެ ފާޚާނާގައި ތަށިނެތް ވާހަކައެވެ. ރިސެޕްޝަންގައި ތިބި ކުދިން އިނގިރޭސިބަހަށް ކޮށިކަމުން އެބުނި އެއްޗެއް ނޭނގުނެވެ. އެންމެފަހުން ވިޔަފާރިވެރިޔާއަށް ޖެހުނީ އަތުންނާއި ފައިންނާއި އެގޮތް މިގޮތުން މިވާހަކަ އެމީހުންނަށް ބުނެދޭށެވެ. ވިޔަފާރި ވެރިޔާ ކިޔާ އެއްޗެއް ރިޝެޕްޝަނުގައި ތިބި ކުދިންނަށް މޭރުން ވުމުން އޭނާއާއެކު ރޫމް ބޯއީއެއް ފޮނުވިއެވެ. މި ސޮރު ހިނގައި ގަތުމުން އެއީ ކުޑަކޮށް އަންހެންދުޅާ ސޮރެއްކަން ފާހަގަވިއެވެ.

އެ ސޮރު އެދިޔަގޮތަށް ގޮސް ކޮޓަރި އަށް ވަދެއްޖެއެވެ. އަދި ފާޚާނާ ދޮރު ހުޅުވާފައި ފާޚާނާއަށް ވަނުމަށް ވިޔަފާރިވެރިޔާއަށް އިޝާރާތް ކޮށްފިއެވެ. އެ އިޝާރާތަށް ވިޔަފާރިވެރިޔާ ފާޚާނާ އަށް ވަދެއްޖެއެވެ. ވިޔަފާރި ވެރިޔާ ފަހަތުން އެއްކަލަ ސޮރުވެސް ވަދެ ދޮރުލައްޕަން ހިފައިލައިފިއެވެ. ވިޔަފާރިވެރިޔާ ގަތްބިރުން ކޮޓަރި ތެރެއަށް ދެމިގެން ފިއެވެ. ހަމަ ނުކުތުމާއެކު ރޫމްބޯއި ވެސް ނުކުމެއްޖެއެވެ. އަދި ނުކުތީ ކީއްވެތޯ ވިޔަފާރިވެރިޔާއާ ސުވާލުކޮށްފިއެވެ. ވިޔަފާރިވެރިޔާ އެއަށް ޖަވާބެއް ނުދިނެވެ. އެންމެފަހުން ވިޔަފާރިވެރިޔާ އެކަނި ފާޚާނާއަށް ވަނުމަށް ބުނެފިއެވެ. ވިޔަފާރިވެރިޔާ ވަނުމާއެކު އެސޮރު ދޮރުލައްޕައިފިއެވެ. ފާޚާނާގެ ދޮރު ލެއްޕުމުން ނުފެނިގެން އުޅުނު ފާޚާނާތަށި އެހުރީ ހާއަށް ފެންނާށެވެ. ދިމާ ހާއަށެވެ. ތަށި ހުރީ ދޮރު ބިއްދޮށުގައެވެ.

މި ވީގޮތަކީ ވިޔަފާރި ވެރިޔާ ހާސް ވެފައި ހުރިވަރުން ރަނގަޅަށް ބަލާ ނުލެވުނީއެވެ. މިއީ އަޅުގަނޑުމެން ތަންތަނަށް ގޮސް އުޅޭއިރު ވަރަށްބޮޑަށް ވިސްނަންޖެހޭ ކަންކަމެވެ. ވަރަށް އާދައިގެ ކަމެއް ބޮޑުކަމަކަށްވީއެވެ. އެތައް ތަކުލީފެއް އުފުލަން ޖެހުނީއެވެ. ރިސެޕްޝަނަށް ނުގޮސް ފުރަތަމަ ވެސް ރަނގަޅަށް ބަލާލިނަމަ ތަށި ފެނުނީހެވެ. ތަކުލީފެއް އުފުލަން ނުޖެހުނީހެވެ. ލަދުވެސް ގަންނަން ނުޖެހުނީސް އެވެ.