ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވި ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިހާތަނަށް 52،334 ގަސް އިންދާފައިވާނެ ކަމަށް އެކުންފުންނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީ ފަހުމީ ވިދާޅުވީ، ރައީސް ޑރ.މުއިއްޒު އިއުލާން ކުރެއްވި ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް ވާސިލުމަށްޓަކައި، ސްޓެލްކޯއިން 500،000 ގަސް އިންދުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މިގޮތުން މި އަހަރުގެ ޖޫން މަހުން ފެށިގެން މަހަކު 8،340 ގަސް ސްޓެލްކޯއިން އިންދާފައިވާނެ ކަމަށެވެ.
އެމްޑީ ފަހުމީ ވިދާޅުވީ ގަސް އިންދުމުގެ ޕްރޮގްރާމް ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާ ކޮންމެ ވަޢުދެއްވެސް ވަނީ ކައިރި އަދި ދުރު މުސްތަޤުބަލުގައި އެއިން ރައްޔިތުންނަށް ކުރާނެ ފައިދާއަށް ބަލައިގެންކަމަށެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.