ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ.

މުއާޒު ވަނީ މަގާމުން މިއަދު އިސްތިއުފާ ދެއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީ އޭނާ ވަނީ އެކްސްގައި ޕޯސްޓް ކުރައްވައިފައެވެ.

އެ ސިޓީގައި މުއާޒު ވިދާޅުވެފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ކުންފުނި ހިންގުމުގައި ހުރި ބޮޑެތި ގޮންޖެހުންތައް ހިއްސާކުރައްވައިފައިވާ ކަމަށާއި އެ މަގާމަށް އައްޔަންކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އެ ކުންފުނީގައި މަސައްކަތްކޮށްފައިވާނީ އިހްލާސްތެރިކަމާއެކު ކަމަށެވެ.

މުއާޒް ވިދާޅުވީ ކުންފުނި ހިންގުމުގެ ހަރަދު 160 މިލިއަން ރުފިޔާ ކުޑަކުރި ނަމަވެސް ހަމައެކަނި ހިންގުމުގެ ހަރަދު ކުޑަކޮށްގެން ކުންފުނި މިހާރު ވެއްޓިފައިވާ ހާލަތުން އަރައިނުގަނެވޭނެ ކަމަށެވެ.

އަދި ރައްޔިތުންނަށް ފޯރުކޮށްދޭ އެފަދަ އަސާސީ ހިދުމަތްތަކުން އެންމެ ހިނދުކޮޅަކަށްވެސް މަހުރޫމްވާން ޖެހުން އެއީ އޭގެ ސަބަބުން ފެނަކައަށާއި ރައީސް މުއިއްޒަށް ވެސް އޭގެ ބަދުނާމު ފޯރާނެ ކަމެއްގެ އިތުރުން އެތަކެއް ރައްޔިތުންނަށް އެކަމުގެ ތަކުލީފު އުފުލަން ޖެހޭނެ ކަމެއް ކަމަށްވެސް މުއާޒު ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު އެ މަގާމުން އިސްތިއުފާ ދެއްވާ ސަބަބެއްގެ ގޮތުގައި މުއާޒު ފާހަގަކުރެއްްވީި ސަބަބަކީ ފެނަކައަށް ލިބޭ އާާމްދަނީއަށް ވުރެ ހަރަދު ބޮޑުވެ ދެމެހެއްޓެނިވި ގޮޮތަކަށް އޮޕަރޭޝަން ކުރިއަށް ނުގެންދެވޭނެ ހާލަތަކަށް ކުންފުނި ވެއްޓިފައިވާ ކަމަށާއި އެހެންކަމުން އޭނާ ހުރެގެން އެކަމަށް ހައްލެއް ލިބޭނެ ކަމުގެ އަލި މަގެއް ފެންނަން ނެތުމެވެ.