މި ދުވަސްކޮޅަކީ ދިވެހިރާއްޖޭގައި ދޮން އަނބު ވަރަށް ގިނަ ދުވަސްކޮޅެކެވެ. އެހެން ކަމުން ދޮން އަނބު ރިހަ މީރު މީހުންނަށް މިއަދު ކައްކައިދޭނީ ދޮން އަނބު ރިހައެވެ.

ބޭނުންވާ ތަކެތި

6 އަނބު ( ރަނގަޅަށް ދޮންވެފަ)

1 އަރި ވަޅޯމަސް

2 ކާށީގެ ހުނި

3 މޭޒުމަތީ ސަމުސާ ކޮނތަބިރި (ނުމުގުރާ)

1 މޭޒުމަތީ ސަމުސާ ދިރި (ނުމުގުރާ)

1 މޭޒުމަތީ ސަމުސާ ދަވިއްގަނދު ( ނުމުގުރާ )

6 ހިކި މިރުސް

1 އިންޗި އިނގުރު

2 ލޮނުމެދު

2 ފިޔާ

3 ހިކަނދިފަތް

ސައި ސަމުސާ ރީނދޫ

1 އިންޗި ފޮނި ތޮށި

2 ކާފޫރު ތޮޅި

މޭޒުމަތީ ސަމުސާގެ 3 ސަމްސާ ތެޔޮ

ރަހަލާ ވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

ހުނި ގޭނުމަށް ފަހު އޭގެ 3/1 ހުނީގެ ތެރެއަށް ރީނދޫ ،ހިކަނދިފަތް، ރާނބާފަތް، 1 ފިޔާ، 1 ލޮނުމެދު އިނގުރު ކޮޅު ކޮށާލާފައި ހަނާ ކޮށްލާށެވެ. ހުނިގަނޑު ވަޅޯ ވުމުން ކޮތަނބިރި، ދިރި، ދަވިއްގަނދު، ހިކި މިރުސް، ފޮނިތޮށި ކާފޫރު ތޮޅި އަޅައިގެން ރަނގަޅަށް ހަނާ ކޮށްލާށެވެ. ހަނާ ކުރާ އިރު ކުޑަ ލޮނު ކޮޅެއެއް ވެސް ލާން ވާނެއެވެ.

ހަނާ ކޮށް ނިމުމުން ހަވާދު ކޮޅު އެއްޗަކަށް އަޅައި ހިހޫ ކޮށްލާށެވެ. އެއަށްފަހު މިކްސަރުން ރަނގަޅަށް ހިމުން ކޮށްލާށެވެ. ފެން އަޅާނީ ހަވާދު ކޮޅު މުގުރާލާފައެވެ. އެއަށްފަހު ބާކީހުރި ހުނިން ކިރު ފެލުމަށްފަހު ބޯކިރުވެސް ވަކި ކޮށްލާށެވެ. ދެން އަނބު މެށުމަށްފަހު ދިގަށް ޅިޔަ އަޅާލާށެވެ. މަސްގަނޑުވެސް ކޮށާލާށެވެ. ބާކީ އޮތް ފިޔަ އާއި ލުނުމެދުވެސް ކޮށާލާށެވެ. ދެން ރިހަ ކައްކާ ތެއްޔަށް އުޅުމަށް ފަހު ތެޔޮ އަޅައިގެން ފިޔާ ރަތްކޮށްލާށެވެ. ފިޔާ ރަތްކުރާއިރު ހިކަނދިފަތާއި ރާނބާފަތް ލޮނުމެދު އަޅަން ވާނެއެވެ. ފިޔާ ރަތްވުމުން ހަވާދު ކޮޅު އަޅާ ލާށެވެ. ހަވާދު ކޮޅާއި ފިޔާކޮޅު އެއް ކޮށްލުމަށްފަހު ކޮށާފައި ހުރި ވަޅޯ މަސްކޮޅާއި އަނބު އަޅާށެވެ. އަނބާއި މަސްކޮޅު ހަވާދާއި އެއްކޮށްލުމަށްފަހު ފެން ކިރު އަޅާށެވެ. ރަނގަޅަށް ކެކުމުން ބޯ ކިރު އެޅުމަށްފަހު ލޮނު ހެޔޮވަރު ކޮށްލާށެވެ.

ދޮން އަނބު ރިހަ މީރު ވާނީ އޮލަކޮށް ހުރުމުންނެވެ.