ރަށު ފެންވަރުގައި ކަސްރަތު ޕްރޮގްރާމްތައް ރާވައި، ކުރިއަށްގެންދާނެ ގޮތްތައް ކިޔައިދިނުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ލ.ފޮނަދޫގައި ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ރަށުގައި ބޭއްވި "ހަށިހެޔޮ ދުޅަހެޔޮ" ޕްރޮގްރާމުގެ ހަވާސާގައި ބޭއްވި މި ސެޝަންތަކުގައި ތ. އަތޮޅާއި ލ. އަތޮޅުގައި މަސައްކަތްކުރާ ޕޮލިޓިކަލް ޑައިރެކްޓަރުންނާއި ސްޕޯޓް ކައުންސިލަރުން ބައިވެރިވެލެއްވިކަމަށެވެ.

ޑިސެންބަރު 17 އަދި 18 ވަނަ ދުވަހު ކުރިއަށްގެންދިޔަ ސެޝަންތަކުގައި އެކި އުމުރުފުރާތަކަށް ހާއްސަކޮށްގެން، ކަސްރަތާއި މޫދު ކަސްރަތު ޕްރޮގްރާމްތައް ރާވައި ކުރިއަށް ގެންދާނޭ ގޮތްތައް ވަނީ ކިޔަވައިދީފައެވެ.

މި ސެޝަންތަކުގައި ކިޔަވައިދިނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގައި މަސައްކަތްކުރާ ފިޒިކަލް ޓްރެއިނިންގ އިންސްޓްރަކްޓަރުންނެވެ.