އައިޖީއެމްއެޗް ތެރޭގައި އަޑުގަދަކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހާގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ.

ފުލުހުން ވަނީ މިކަން ހާމަކުރައްވާ އެ މީހާގެ ވަނަވަރު މީީޑއާ ތަކަށް އާއްމުކޮށްފައެވެ. އެގޮތުން މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މ. ސްޓާ ވަނީ، އުމުރުން 48 އަހަރުގެ މުހައްމަދު ރަޒީން އެވެ.

ފުލުހުން ބުނީ، މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ހާއިރު އައިޖީއެމްއެޗްގެ ޑިއުޓީގައި ތިބި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.

އަދި ރަޒީންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.