ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ނިހާދު އެ މަގާމުން މިއަދު ސަސްޕެންޑުކޮށްފިއެވެ.
ނިހާދު ސަސްޕެންޑް ކުރައްވާފައިވަނީ ރޭގައި ޕީއެންސީން ބޭއްވި ޖަލްސާގައި އޭނާ ދެއްކެވި ވާހަކަތަކުގެ ސަބަބުން ކަމަށް ބެލެވެއެވެ.
ރޭ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ރާއްޖޭގައި ހިންގާ ބައިނަލްއަގުވާމީ ޓޫރިޒަމް ބްރޭންޑުތަކުގެ ރިސޯޓުތަކަށް އަމާޒުކޮށް އިދިކޮޅު އެމްޑީޕީން އިސްވެ އޮވެ ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށް ނިހާދު ވަނީ ވަނީ ތުހުމަތުކޮށްފައެވެ.
އެމްޑީޕީން މި ތުހުމަތުތަކާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ނިހާދު އެ ދެއްވި ވާހަކައަކީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ހުންނަވައިގެން އެއްވެސް ހާލެއްގައި ކޮށްގެންވާނެ ތުހުމަތެއް ނޫން ކަމަށެވެ. ވެރިކަން ކުރާ ޕާޓީން ކުރާ އެފަދަ ތުހުމަތުތަކުގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ގެއްލުންތަކާ ރާއްޖޭގެ ޓޫރިޒަމަށް އިންޑަސްޓްރީ ކުރިމަތިލާން ޖެހިދާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ނިހާދު ސަސްޕެންޑުކުރި މައްސަލާގައި ސަރުކާރުން މާގިނަ ތަފްސީލްތަކެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާގޮތުން ނިހާދު މިހާރު ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ސަސްޕެންޑްކޮށްފައެވެ.